ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހާ ދެކޮޅު ހެއްދެވީ، ގައުމީ ވާޖިބެއް އަދާ ކުރެއްވުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ، އޭރު ވެރިކަންކުރި ޕީޕީއެމްގެ ބަޔަކު އިސްވެތިބެ ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހަށް އޭރު ދެކޮޅު ހެއްދެވި ހަމައެކަނި ލީޑަރަކީ މައުމޫން ކަމަށް ވިދާޅުވެ، އެޕާޓީގެ ކުރީގެ ކައުންސިލް މެންބަރު އައިމިނަތު ނާދިރާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ނާދިރާގެ ޓްވީޓްގައި ގައުމީ ހިދުމަތުގައި ރައްޔިތުންގެ ހައްގަށް ވަކާލާތު ކޮށްދެއްވި ކަމަށްޓަކާ މައުމޫނަށް ޝުކުރު ދަންނަވާފައި ވެއެވެ.

މައުމޫން ވިދާޅުވީ، އޭރު އެ ގޮތަށް ވަކާލާތު ކުރެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުން އެމަނިކުފާނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުއްވި ކަމަށެވެ. އަދި މައުމޫން ޖަލަށްލީ އެފަދަ ކަންތައްތަކާ ހުރެ ކަމަށާއި ކުށެއް ކޮށްގެން ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައީ، 2016 ވަނަ އަހަރުގައެވެ. އެކަމަކު އޭރު ސަރުކާރު ހިންގަމުން ދިޔަ ޕީޕީއެމް އަށް ވެރިކަން ގެއްލުމުން އެޕާޓީ އިން ވަނީ، އެ އިސްލާހު ބާތިލު ކުރުމަށް މަޖިލީހަށް ހުށައަޅާފައެވެ. އެ އިސްލާހު ބާތިލު ކުރުމަށް، މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.