ޓްރާންސްޕޯޓް އޮތޯރިޓީން "ނިއަމި" އެޕްލިކޭޝަން އިފްތިތާހުކޮށްްފިއެވެ.

މިއަދު ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނިއަމި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. މި އެޕްލިކޭޝަނަކީ ރާއްޖޭގައި ވަކި ޝެޑިއުލްއެއްގެ ދަށުން ދަތުރު ކުރާ ހުރިހާ ފެރީތަކާއި ސްޕީޑްބޯޓުތަކުގެ މައުލޫމާތު ލިބޭ އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަނާ ބެހޭ މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ، ނިއަމި މެދުވެރިކޮށް ރާއްޖޭގެ އުތުރުން ދެކުނަށް ދައުލަތުން ދެމުންދާ ފެރީތަކުގެ ހިދުމަތުގެ ހުރިހާ މައުލޫމާތެއް ފެނިގެންދާނެ ކަމަށެވެ. އެގޮތުން، ސަރުކާރުން ސަބްސިޑައިޒްކޮށްގެން ބޭނުންކުރަމުން އަންނަ ތިން ކުންފުނިން ދެމުން އަންނަ ފެރީތަކުގެ ފެރީ ޝެޑިއުލް ނިއަމީގައި ހިމެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ މިވަގުތު ނިއަމިން ފެންނާނީ ހަމައެކަނި ސަރުކާރުގެ ތިން ކުންފުންޏަކުންދޭ ފެރީތަކުގެ މައުލޫމާތު ކަމަށް ވިއަސް، ކުރިއަށް އޮތް ތަނުގައި އަމިއްލަ ކުންފުނިތަކުގެ ފެރީތަކުގެ މައުލޫމާތުވެސް ނިއަމިން ފެނިގެންދާނެ ކަމަށެވެ. އަދި ނިއަމިން ބޭނުންވާ ތާރީހެއްގައި ބޭނުންވާ ތަނަކަށް ދަތުރު ކުރާ އެންމެހާ ފެރީތައް ފެނިގެންދާނެ ކަމަށާ ބޭނުންވާ ތާރީހެއްގައި ފެރީ ބޭނުންވާ ތަނަކަށް ދާން ޝެޑިއުލްކޮށްފައި ފެރީއެއް ނެތް ނަމަ އެކަން ވެސް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފެރީ އަކީ ދެތިން ރަށެއްގައި ޖައްސާފައި ދާ ފެރީއެއް ނަމަ އެ މައުލޫމާތާއި، ފެރީގެ ފަހު މަންޒިލަށް ދަތުރު ކުރެވޭނެ ވަގުތުވެސް ނިއަމިން އެނގިގެންދާނެ ކަމަށާ ފެރީގެ ހިދުމަތްދޭ ކުންފުނީގެ މައުލޫމާތާއި އެ ކުންފުންޏަށް ގުޅޭނެ ނަމްބަރުތައްވެސް ފެންނަން ހުންނާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިވަގުތު ނިއަމި އެޕްލިކޭޝަން ލިބޭނީ ގޫގަލް ޕްލޭއިން އެކަނި ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އެޕް ސްޓޯރުންވެސް އެ އެޕްލިކޭޝް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ވިއުގަ އެޕްލިކޭޝަނެއް މެދުވެރިކޮށް ފެންނަ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނިއަމި އެޕްލިކޭޝަން މިއަދު ލޯންޗުކޮށްފައިވާއިރު މިއަދަކީ ސަރުކާރުގެ ރަސްމީ 100 ދުވަސް ހަމަވާ ދުވަހެވެ.