ވޭތުވެ ދިޔަ ހަތް އަހަރު އިންސާނީ ހައްގުތަކާ ހިލާފަށް ހިނގާފައިވާ ކަންތައް ބެލުމަށް ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނަށް ގާނޫނުން ބާރު ދިނުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
"އިންތިގާލީ އަދާލަތު" ގެ ނަމުގައި އުފައްދާ މި ކޮމިޝަނުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. އެގޮތުން 2012 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމަށް ހިންގާފައި ވާ ކަންކަން މި ކޮމިޝަނުން ބެލޭނެ ކަމަށް މި ބިލުގައިވެއެވެ.
މީގެ އިތުރުން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައި ވަނީ ހައްގުތަކުން މަހުރޫމުވި ރައްޔިތުނަށް ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދައި ދިނުމުގެ ކަންކަން އެ ކޮމިޝަނުން ބަލާނެ ކަމަށެވެ. އަދި މި ކޮމިޝަންގައި ހިމެނޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާ ފަސް މެމްބަރުން ކަމަށް ބިލުގައި ބުނެފައިވާއިރު، ބިލް ފާސްވެ ގާނޫނަށްކަށް ވާ ހިސާބުން އިންތިގާލީ އަދާލަތު ކޮމިޝަން ރައީސް އުފައްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް މި ބިލްގައި ބުނެފައިވެއެވެ.
އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ދޭން ހިމަނާފައިވާ ގާނޫނީ ބާރުތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި، މީހުން ހާޒިރުކޮށް ސުވާލު ކުރުމުގެ އިތުރުން ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރު ކުރުމަށް ކޯޓު އަމުރަށް އެދުމުގެ ބާރު ދިނުން ހިމެނެއެވެ. މީގެ އިތުރުން މި ކޮމިޝަނުން ބަލާ މައްސަލައެއްގައި ތަންތަން ފާސްކުރަން ބޭނުންވާ ކޯޓު އަމުރަށް އެދުމުގެ ބާރު ދިނުމާއި ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބިގެންވާ ހުރިހާ ބާރެއް އިންތިގާލީ އަދާލުތު ކޮމިޝަނަށް ދޭންވެސް ބިލްގައި ވަނީ ހިމަނާފައެވެ.
އިންތިގާލީ އަދާލަތު ބިލުގެ ދަށުން "އޮމްބޮޑްސްމަން" ގެ ނަމުގައި އޮފީހެއް ހެދުމަށް ވެސް ހިމަނާފައި ވާއިރު މި ކޮމިޝަނުން ތަހުގީގުކޮށް ނިންމާ މައްސަލަތައް ބަލައި މަދަނީ މިންގަނޑުން އެ މައްސަލައެއް ސާބިތުވޭތޯ ބެލުމުގެ ބާރު ދީފައިވަނީ އެ އޮފީހަށެވެ. މި އޮފީހުން އައްޔަން ކުރާ މެމްބަރުންނަކީ ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ހުންނަ މީހަކަށް ވާންޖެހޭ ކަމަށާއި މި ބިލް ގާނޫނަކަށް ވާ ހިސާބުން އެ އޮފީސް އުފެދުނީ ކަމަށްވެސް މި ބިލްގައިވެއެވެ. އަދި މި ބިލްގެ ދަށުން އެ އޮފީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ލިބިގެންވަނީ ރައީސްއަށެވެ.
އިންތިގާލީ އަދާލަތުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި ވަނީ އިއްވާފައެވެ.