ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާ ދީ ޕާޓީ ރިފޯމް ކުރަން ފެނޭތޯ ބެލުމަށް ޕީއެސްއެމުން ނެގި ޕޯލްގެ ނަތީޖާ އަލުން އެކުންފުނީގެ ޓްވިޓާ ހޭންޑްލްގައި ޝާއިއު ކޮށްފިއެވެ. މީގެ ދެގައިޑި އިރު ކުރިން ނަތީޖާ ޝާއިއު ކުރީ ޕޯލް އަށް ހުޅުވާލި ޓްވީޓް އެކުންފުނީގެ ޓްވިޓާ ޕޭޖުން ނެގުމަށް ފަހުކަން ފާހަގަ ކުރެވެއެވެ.

ދައުލަތުގެ މީޑިއާއިން ސިޔާސީ ޕާޓީއެއްގެ އިންޓާނަލް ކަންކަމާ ބެހެން ޖެހޭތޯ ސުވާލު އުފައްދާ އެކިފަރާތްތަކުން އެ ޕޯލްއަށް ކޮމެންޓްވެސް ކޮށްފައި ހުއްޓެވެ. އަދި އެ ޕޯލް ނެގީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާން ފެށުމުން ކަމަށް ބެލެވެއެވެ.

ޕަބްލިކް ސާވިސް މީޑިއާ އަކީ 'ދައުލަތުގެ މީޑިއާ' ނަމަވެސް ނިމިދިޔަ ހުރިހާ ސަރުކާރެއްގައިވެސް އެތަން ބޭނުން ކޮށްފައި ވަނީ އެވަގުތަކު ވެރިކަން ހިންގަން ތިބޭ ބައެއްގެ 'ޕްރޮޕެގަންޑާ' ފަތުރާ ތަނެއްގެ ގޮތުގައި ކަމަށް އާންމުން ބުނެއެވެ.

ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްގެ އިސް އާރުކާޓީގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އަދި އެކި އެކި ބޭފުޅުން ޕާޓީގެ ލީޑާޝިޕަށް ފަޑުވިދާޅުވަމުން ގެންދަވާކަންވެސް ފާހަގަ ކޮށްލެވެއެވެ.