ދައުލަތުގެ މީޑިއާ (ޕަބްލިކް ސާވިސް މީޑިއާ) އިން އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްގެ އިންޓާނަލް ކަމަކަށް ޕޯލް ނަގަން އުޅެފިއެވެ.

ޕީޕީއެމްގެ ލީޑަޝިޕް އިސްތިއުފާ ދެއްވާ، ޕާޓީ ރިފޯމް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވަންތޯ އަހާ ޕީއެސްއެމް ނިއުސް އިން ރޭ ޕޯލް އެއް ހެދިއެވެ. މި ޕޯލް އަށް ބައެއް މީހުން ވޯޓުލާފައިވީ ނަމަވެސް، މިހާރު މި ޕޯލް ޕޭޖުން ފެންނާކަށް ނެތެވެ.

ޕީއެމްއެމް ނިއުސް އިން އަޕްލޯޑް ކުރި ޕޯލްގެ ސްކީންޝޮޓް / ފޮޓޯ: ޓްވިޓާ

ދައުލަތުގެ މީޑިއާއިން ސިޔާސީ ޕާޓީއެއްގެ އިންޓާނަލް ކަންކަމާ ބެހެން ޖެހޭތޯ ސުވާލު އުފައްދާ އެކިފަރާތްތަކުން އެ ޕޯލްއަށް ކޮމެންޓްވެސް ކޮށްފައި ހުއްޓެވެ. އަދި މި ޕޯލް ނެގީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާން ފެށުމުން ކަމަށް ބެލެވެއެވެ.

ޕަބްލިކް ސާވިސް މީޑިއާ އަކީ 'ދައުލަތުގެ މީޑިއާ' ނަމަވެސް ނިމިދިޔަ ހުރިހާ ސަރުކާރެއްގައިވެސް އެތަން ބޭނުން ކޮށްފައި ވަނީ އެވަގުތަކު ވެރިކަން ހިންގަން ތިބޭ ބައެއްގެ 'ޕްރޮޕެގަންޑާ' ފަތުރާ ތަނެއްގެ ގޮތުގައި ކަމަށް އާންމުން ބުނެއެވެ.

ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްގެ އިސް އާރުކާޓީގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އަދި އެކި އެކި ބޭފުޅުން ޕާޓީގެ ލީޑާޝިޕަށް ފަޑުވިދާޅުވަމުން ގެންދަވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެގޮތުން ގެމަނަފުށީ ދާއިރާގެ މެންބަރު، ޖަމީލް އުސްމާން ވަނީ ޕީޕީއެމްގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފާޑު ވިދާޅުވެފައެވެ. އަދި ޕާޓީގެ ލީޑާޝިޕަށް ޝައުގުވެރިވާ ތައުލީމީ ޒުވާނުންނަށް ފުރުސަތުދީ މިހާރުގެ ލީޑާޝިޕް އެކަހެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕީޕީއެމްގެ ލީޑާޝިޕް ފެންނަނީ ސިޔާސީ ކަންތައްތަކަށް ފޫހިވެ، ކަންނެތް ވެފައިވާ ތަންކަމަށާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލަކީ ޒިންމާދާރު ބުރަ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ވިލި މާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ވެސް ވަނީ ފެއިލްވި ހުރިހާ އެންމެން ޕީޕީއެމްގެ ލިޑާޝިޕުން ދުރަށް ދިއުމަށް ގޮވާލައްވާފައެވެ. ނިހާން ވިދާޅުވީ އާ ލީޑާޝިޕަކަށް ޖާގަދޭން ޖެހޭ ކަމަށާއި ޖެހިޖެހިގެން ތިން އިންތިހާބުގައި ބަލިވީ ޕީޕީއެމްގެ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށެވެ.

ފެއިލްވި އެންމެން ޕީޕީއެމްގެ ލީޑަޝިޕުން އިސްތިއުފާ ދިނުމަށް ނިހާން ގޮވާލެއްވީ އޭނާ ޕީޕީއެމްގެ ޕީޖީ ގްރޫޕުން އިސްތިއުފާ ދެއްވުމަށްފަހުއެވެ.