ނިމިދިޔަ އިންތިހާބުތަކުގައި ޕީޕީއެމް އަށް ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ލީޑާޝިޕުން އުފުލަން ޖެހޭ ކަމަށް ވިދާޅުވެ އެޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ޕީޖީ ގްރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ނިހާން އިސްތިއުފާ ދެއްވީ ޕީޕީއެމް ރިފޯމް ކުރަން ޖެހޭ ކަމަށް ވިދާޅުވަމުން ނިމިދިޔަ ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުގެ އިތުރުން މަޖިލީސް އިންތިހާބުގައި ޕީޕީއެމް އަށް ބޮޑު ނާކާމިޔާބީއެއް ވުމުގައި ހަރުދަނާ ލީޑާޝިޕެއް ޕާޓީގައި ނެތްކަމަށް ވިދާޅުވަމުންނެވެ.
ޕީޕީއެމްގެ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ރިޔާސީ އިންތިހާބަށް ފަހު ޔާމީނުގެ ހަރަކާތްތެރި ދައުރެއް ޕީޕީއެމްގެ ތެރެއިން ފެނިފައި ނުވާ އިރު މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން ބަންދު ކުރުމާއެކު ރައީސް ޔާމީނުގެ އަޑުފުޅު ސިޔާސީ މައިދާނުގައި އެއްކޮށް ވަނީ ކެނޑިފައެވެ.
ނިހާންގެ މި ނިންމެވުމާ ގުޅިގެން ޕީޕީއެމް އިން ރަސްމީ އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. އަދި ނިހާން ޕީޖީ ގްރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދެއްވި މިދަނޑިވަޅަކީ އިދިކޮޅު ހަރަކާތެއް ހިންގެވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ޕީޕީއެމްގެ ލީޑާޝިޕާ މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ.