ޖުޑީޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ތަކެއް ގެންނަން ހުށައަޅާނެ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ބައެއް މުސްތަގިއްލު ކަމިޝަން ތަކުގެ ގާނޫނުތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލްތަކުގައި ހިމަނާފައިވާ ކަންތައްތަކުގެ މައުލޫމާތު ހިމަނައިގެން އެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޖޭއެސްސީގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެއްގެ މަސައްކަތް މިހާރުވެސް ކުރަމުން ދާކަމަށެވެ.

އޭގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަކީ، މިނިވަން ކަމާއެކު އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބާރުއަޅާނެ މާއްދާތަކެއް މިހާރު ވެސް އެކުލެވިގެންވާ ގާނޫނަކަށް ވާތީ، އެ ގާނޫނަށް މިހާރުން މިހާރަށް އިސްލާހު ގެންނަން ނިންމާފައި ނުވާކަމަށް ވެސް އޭޖީގެ ނޫސްބަޔާނުގައި ވެއެވެ. އޭޖީން ބުނީ އޭގެ ބަދަލުގައި، މިހާރު ކުރަމުންދަނީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނޭ މައިގަނޑު ސިޔާސަތެއް އެކަށައެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ސިޔާސަތުތައް މިދިޔަ ޑިސެމްބަރު މަހުގެ 31 ގައި އާންމު ކޮށްފައި ވާނެ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ގާނޫނު ތަކުގެ ތެރެއިން، އިސްލާހު ގެނައުމަށް އޭޖީން މިހާރު ހުށައަޅާފައި ވަނީ، އެންޓި ކޮރަޕްޝަން ކަމިޝަންގެ ގާނޫނާއި، ހިއުމަން ރައިޓްސް ކަމިޝަންގެ ގާނޫނާއި، އިލެކްޝަންސް ކަމިޝަން ގެ ގާނޫނާއި. ދިވެހި ސިވިލް ސާވިސް ގާނޫނުގެ އިތުރުން، އޮޑިޓް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެވެ.

އެ އިސްލާހު ތަކުގެ ތެރޭގައި، ނުފޫޒެއް ނެތި މިނިވަންކަމާ އެކު މަސައްކަތް ކުރުމާއި، ސުލޫކީ ހަމަތަކާއި މިންގަޑުތަކާއި، މާލީ ހިސާބު ހުށައެޅުމާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލި ވުމާއި، އިތުރު ވަޒީފާ އަދާ ނުކުރުން ހިމެނެއެވެ. އަދި ސުލޫކީ ހަމަތަކާއި ހިލާފުވުމާ ގުޅޭ ކަންކަމުގެ އިތުރުން ކަމިޝަން ޖާވާބުދާރީ ކުރުވުމާއި ގުޅުން ހުރި އިސްލާހުތައްވެސް ހިމެނެއެވެ.