އައްޑޫ ލިންކް ރޯޑު ގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހި، ދުވެލި ކޮންޓްރޯލް ނުވެގެން މަގުގެ އެއްފަރާތުގައި އޮތް ވަލަށް ވަދެއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ، ގަމުން ހިތަދުއަށް ދުއްވާފައި ދިޔަ ކާރު، ހަންކެޑެ ބްރިޖް ކައިރިން މަގުގެ އެއްފަރާތުން އަނެއްފަރާތަށް ހުރަސްކުރި ސައިކަލެއްގައި ޖެހިގެންނެވެ.

މިއަދު ހަވީރު 4:00 ހާއިރު ހިނގި އެކްސިޑެންޓުގައި، ސައިކަލުގައި އިން އަންހެނަކަށް އަނިޔާވެފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އޭނާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށެވެ. އަދި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.