މި މަހުގެ ދެވަނަ ދުވަހު ކުޑަކުއްޖަކު ސައިކަލުގެ ވަށިގަނޑަށް ލައިގެން ދުއްވި ފުލުސް މީހާގެ ލައިސަންސް އެއް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ ދެވަނަ ދުވަހު ކުޑަކުއްޖަކު ސައިކަލެއްގެ ވަށިގަނޑަށް ލައިގެން ދުއްވި ފަރާތް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގެ ދަށުން އެއް އަހަރު ދުވަހަށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯއިން ފެންނަނީ ހެންވޭރު ކޮޅުން ރިންގް ރޯޑުން ސައިކަލު ދުއްވާ މީހާ އޭނާގެ ސައިކަލުގެ ވަށިގަނޑަށް ތުއްތު ކުއްޖަކު ލައިގެން ދުއްވާ މަންޒަރެވެ. ފުލުހުން އެއިރު ބުނެފައިވަނީ، މި މައްސަލައިގައި ސައިކަލު ދުއްވި ފުލުސް މީހާގެ ލައިސެންސް ހިފެހެއްޓުމަށް ޓްރެފިކް ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ކުޑަ ކުއްޖާގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލު ކުރި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާ ފަދަ ގޮތެއްގައި އުޅަނދު ދުއްވި މީހެއްގެ އަދަބަކީ އެއް އަހަރާއި ދެ އަހަރާއި ދެމެދުގެ މުއްދަތަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމެވެ.

މި މައްސަލައިގެ އިތުރުން އިތުރު، އިތުރު ދެ މައްސަލައަކާއި ގުޅިގެން ފުލުހުން ވަނީ ދެ މީހެއްގެ ލައިސަންސް ހިފަހައްޓާފައެވެ. އެގޮތުން ފެބްރުއަރީ 17 ވަނަ ދުވަހު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވި ފަރާތުގެ ލައިސަންސް ދެ އަހަރު ދުވަހަށް ވަނީ ހިފަހައްޓާފައެވެ.

އަދި މިދިޔަ މަހުގެ 12 ވަނަ ދުވަހު ތިމަރަފުށީގައި ހިނގި އެކްސިޑެންޓުގައި ވޭން ދުއްވި މީހާގެ ލައިސަންސް ވެސް އެއްގަމު ދަތުރުފަތުގެ ގާނޫނުގެ ދަށުން ދެ އަހަރު ދުވަހަށް ވަނީ ހިފަހައްޓާފައެވެ.