ސަރުކާރުގެ ފުރަތަމަ 100 ދުވަހަކީ، އާ ސަރުކާރަކަށް ކުރިމަތިލާން ޖެހޭ އިމްތިހާނެކެވެ. މި އިމްތިހާނުގެ ބޭނުމަކީ، 5 އަހަރު ދުވަހުގެ ދައުރުގައި ގައުމު ހިންގުމުގެ ގާބިލުކަން ސަރުކާރަށް ލިބިފައިވޭތޯ ވަޒަން ކޮށްލުމެވެ. އިމްތިހާނުގެ "އިންވިޖިލޭޓަރުން" ނަކީ މީޑިއާ އެވެ. "މާކިން" ގެ މަސައްކަތް ކުރާނީ ރައްޔިތުންނެވެ.

ކޮންމެ އަކަސް މިހާރު މިވަނީ، އިމްތިހާނު ހެދުމަށް ސަރުކާރަށް ދިން ވަގުތު ހަމަވާން ވަގުތުކޮޅަކަށް ވެ "ޖަވާބު ކަރުދާސް" ނަގަން ޖެހިފައެވެ. ސަރުކާރުން ގުނާ ގޮތުން ބަންދު ދުވަސްތައް ކަނޑާފައި މިއަދަކީ 100 ދުވަސް ހަމަވާ ދުވަހެވެ. އެހެން ކަމުން "އިންވިޖިލޭޓަރެއްގެ" ހައިސިއްޔަތުން "ޖަވާބު ކަރުދާސް" ފުރިހަމަ ކޮށްފައިވާ ގޮތަށް ބަލައިލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ފުރިހަމަ ވެފައިވާ ވައުދުތައް

ފާހަގަ ކޮށްލެވޭ ގޮތުގައި ބައެއް ދާއިރާތަކުން ފުރަތަމަ 3 މަސްދުވަސްތެރޭ ނިންމަން ވައުދުވެފައިވާ ކަންތައްތަކުގެ 100 ޕަސެންޓް ސަރުކާރުން ވަނީ ފުރިހަމަ ކޮށްފައެވެ. އެ ގޮތުން ސަރުކާރުގެ ތައުލީމީ ވައުދާއި، ކޮރަޕްޝަން ހުއްޓުވުމުގެ ވައުދާއި، އިގްތިސާދީ ވައުދު "ނޫ އިގްތިސާދު" ގެ ދަށުން ފުރަތަމަ 100 ދުވަހު ނިންމަން ބުނި ހުރިހާ ކަމެއް ވަނީ ނިންމާފައެވެ. އެ ގޮތުން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއި، "ޒީރޯ ޓޮލްރެންސް ކަރަޕްޝަން" ކެމްޕޭން ފެށުމުގެ އިތުރުން ސްމޯލް މީޑިއަމް އެންޓަޕްރައިޒެސް (އެސްއެމްއީ) ބޭންކު ހުޅުވުން ހިމެނެއެވެ.

ހެޔޮވެރިކަން

ނުނިމި ހުރި ވައުދު ތަކުގެ ތެރެއިން ފުރަތަމަ ބަލައިލާނީ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ވީ 'ހެޔޮ ވެރިކަން' މި ވައުދަށެވެ. މި ވައުދުގެ ދަށުން ބައެއް ކަންތައްތައް ފުރިހަމަވެފައި ވީ ނަމަވެސް، މުހިންމު ގިނަ މަސައްކަތްތަކެއް ސަރުކާރުން ފުރިހަމަ ކޮށްދީފައެއް ނުވެއެވެ. ފުރަތަމަ 100 ދުވަހުގެ ތެރޭ، ސަރުކާރުގެ އޮފީސްތަކާ ކުންފުނިތަކުން ކޮރަޕްޝަނަށް ހުޅިވިފައިވާ ދޮރުތަކަކީ ކޮބައިކަން ދެނެގަނެ، މިހާރު ކަންތައްތައް ހިނގާ ގޮތުގެ އޮޑިޓް ރިޕޯޓެއް ތައްޔާރު ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ފުރިހަމަ ކޮށްދީފައެއް ނުވެއެވެ. އަދި ހަމަ އެއާއެކު، ޒުވާނުންނާ ގުޅުންހުރި ސިޔާސަތުތަކާއި މަޝްރޫއުތައް ކޯޑިނޭޓް ކުރުމަށް، އުފައްދަން ބުނި ޒުވާނުންގެ ކައުންސިލުވެސް އަދި އުފައްދާފައެއް ނުވެއެވެ. މީގެ އިތުރުން އުފެއްދުންތެރިކަން ކުރިއެރުވުމަށް، އުފައްދާ ގައުމީ "ތިންކް ޓޭންކް" ވެސް ފެނިފައެއް ނުވެއެވެ.

ދީނާއި ސަޤާފަތް

ދީނާއި ސަގާފަތުގެ ދާއިރާއިން ވެސް ސަރުކާރަށް ފުރިހަމަ ނުކޮށްދެވި ހުރި ވައުދުތައް އެބަހުއްޓެވެ. އެ ގޮތުން ސަރުކާރުން ކަނޑައަޅާ ބައެއް މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހައިން ނަމާދުކުރެވޭ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބުނި ނަމަވެސް، އަދި އެކަން ހަމަޖެހިފައިވަނީ ހަމަ އެކަނި އިސްލާމީ މަރުކަޒުގައިކަން ފާހަގަ ކޮށްލެވެއެވެ. ފުރަތަމަ 100 ދުވަސްތެރޭ، ކަޅުވަކަރު މިސްކިތް ހޯދާ އަލުން އެ މިސްކިތް ރޭވުމަށް ވީ ވައުދުގެ ވެސް ފުއްދިފައިވަނީ އެއްބައެވެ. ކަޅުވަކަރު މިސްކިތް ހޯދުމުގެ މަސައްކަތްނިމި، އެ މިސްކިތް ރާވާނެ ތަނެއް ސަރުކާރުންވަނީ ހަމަޖައްސާފައެވެ. އެކަމަކު އެ މިސްކިތް ރާވާ ކޮޅަށް ޖެހުނު މަންޒަރު އަދި ފެނިފައެއް ނުވެއެވެ.

ތިމާވެށި

ތިމާވެށި ރައްކާތެރި ކުރުމަށް ވީ ވައުދު ތަކުގެ ތެރެއިން ވެސް މުހިންމު ދެ ވައުދެއް ސަރުކާރުން އަދި ފުއްދައި ދީފައެއް ނުވެއޭ ބުނެވިދާނެއެވެ. އެއީ ރަށްރަށުގެ މަގުތައް ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއް ކަނޑައެޅުމުގެ މަސައްކަތާ، ފުވައްމުލަކު ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް، ފުއްދާފައިވާ ވައުދުތަކުގެ ކެޓަގަރީއަށް ލެވޭ މިންވަރަށް ނިންމާފައި ނުވާތީއެވެ. އެކަމަކު، ރަށްރަށުގެ މަގުތައް ސާފުކޮށް ބެލެހެއްޓުމަށް "ރޯޑްމެއިންޓެނަންސް" މެނުއަލް އެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފައެވެ. އަދި ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތަށް، ފަންޑު ހޯދުމުގެ ހުއްދަތަށް ވެސް ސަރުކާރުން ވަނީ ހޯދާފައެވެ.

ދަތުރުފަތުރު

ދަތުރު ފަތުރު ގެ ދާއިރާއަށް ބަލާއިރު، ފާހަގަ ކޮށްލެވޭ ބޮޑެތި ވައުދު ތަކެއް ސަރުކާރުން އަދި މިހާތަނަށް ފުއްދާފައެއް ނުވެއެވެ. ފުރަތަމަ 100 ދުވަސްތެރޭ، މުޅިރާއްޖޭގެ ދަތުރު ފަތުރުގެ ވިއުގަ، ތާވަލެއްގެ ގޮތުގައި ފެންނަން ހުންނާނެ އެޕްލިކޭޝަންއެއް ތައްޔާރު ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ އެޕްލިކޭޝަން އަދި ވުޖޫދަށް އައިސްފައެއް ނުވެއެވެ. އަދި މާލޭގެ ބާރުބޮޑު މަގުތަކަށް ލުޔެއް ހޯދައިދިނުމަށް، "ލޯޑިން އަންލޯޑިން" އޭރިއާ ކަނޑައެޅުމުގެ ސަބަބުން ލިބެންޖެހޭ ފަސޭހަތައް ވެސް މާލޭގައި ދިރިއުޅޭ މީހުނަށް އަދި ލިބިފައެއް ނުވެއެވެ. މީގެ އިތުރުން މާލެއަށް މިނީ ބަސް ތައާރަފް ކުރުމާއި، މުޅިރާއްޖޭގެ ޓްރާންސްޕޯޓުގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ނިންމުން ވެސް އަދި އޮތީ ކުރިއަށެވެ.

އިޖުތިމާއީ މަސައްކަތާ ކުޅިވަރު

އިޖްތިމާއީ މަސައްކަތާ ކުޅިވަރުގެ ދާއިރާގެ ވައުދުގެ ދަށުން، މާލޭގައި އޮލިމްޕިކް ސައިޒްގެ ސުވިމިން ޕޫލް އެއް ހަދަން ފެށުމަކީ ސަރުކާރުގެ ވައުދެކެވެ. އެކަމަކު، އެ ސްވިމިން ޕޫލު ހަދަން ފެށުން އެއް ފަރާތުގައި އޮއްވާ، އެ ސުވިމިން ޕޫލު އަޅާނެ ސަރަހައްދެއްވެސް އަދި މިހާތަނަށް ސަރުކާރަށް ކަނޑައެޅިފައެއް ނުވެއެވެ.

އިޖުތިމާއީ ހަމަޖެހުން

ގައުމުގެ އިޖްތިމާއީ ހަމަޖެހުން ގާއިމު ކުރުމަށް، މާލެ ސަރަހައްދު (ހުޅުމާލެ، މާލެ، ވިލިނގިލި) ގެ މަގުތައް ލެޑް ސޯލާ ލައިޓިން އިން ދިއްލާ އަލި ކުރާނެ ކަމަށް ސަރުކާރުން ވައުދުވިއެވެ. އަދި ބްރިޖްގައި ސީސީޓީވީ އަދި ސްޕީޑް ކެމެރާތައް ހަރުކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން މުނިސިޕަލް އިންސްޕެކްޓާސް އުފެއްދުމާ، ހުޅުމާލޭގައި ރޭގަނޑު މޫދަށް އެރެވޭނެ ގޮތް ހެދުމާއި، އައްޑޫ ސިޓީ 'ސްކޮއާ' އަލުން ހަދާ ކުލަގަދަ ރަސްމިއްޔާތާއެކު ކޯއްޓޭއަށް ގައުމީ ދިދަ ނެގުމާ، ހުޅުމާލޭގައި ޕަބްލިކް ޓޮއިލެޓެއް ގާއިމު ކުރުމާއި، ނިމިފައި ހުރި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމުގެ އިތުރުން، ރާއްޖޭގެ އެންމެންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމުގެ މަޝްރޫ ފެށުމަކީ ވެސް ސަރުކާރުން ވެފައިވާ އިޖުތިމާއީ ބޮޑެތި ވައުދު ތަކެވެ. އެކަމަކު އެއިން އެއްވެސް ވައުދެއް ސަރުކާރުން ފުރިހަމަ ކޮށްފައެއް ނުވެއެވެ.

ސިއްހަތު

ސިއްހީ ދާއިރާއިން ކޮށްދޭން ވައުދުވި ގިނަ ކަންތައްތަކެއް ސަރުކާރުން ވަނީ ފުރިހަމަ ކޮށްފައެވެ. އެކަމަކު، އަތޮޅުތަކުގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމުގެ ވައުދުވެސް އަދި އޮތީ ނުފުދިއެވެ. އޭގެ އިތުރުން އަތޮޅުތެރޭގައި އިމަޖެންސީ ކެއާ އަދި އެމްބިއުލޭޓަރީ ހިދުމަތުގެ މަސައްކަތް ރައްޔިތުންނާ ގާތުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އަދި ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

އިންސާފު

ހުރިހާ ރައްޔިތުންނަށް އިންސާފު ލިބޭނޭ ގޮތް ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ވީ ވައުދުގެ ދަށުން، ފުރަތަމަ 100 ދުވަސްތެރޭ ހުރިހާ މިނިވަން މުއައްސަސާ ތަކާއި މުޅި ޝަރުއީ ދާއިރާގެ ކަންތައްތައް މިހާރު ހިނގާ ގޮތުގެ އޮޑިޓެއް ހެދި އެތަންތަން އެފިޝަންޓު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައި ވެއެވެ. އެކަމަކު އެކަންތައްތައް މިއަދާ ހަމައަށް ވެސް ސަރުކާރަށް ފުރިހަމަކޮށް ނިންމިފައެއް ނުވެއެވެ.

އިޖުތިމާއީ ރައްކާތެރިކަން

ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައި ދިނުމަށްޓަކާ، ފުރަތަމަ 100 ދުވަސްތެރޭ، 11 ކަމެއް ނިންމާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އެކަމަކު އޭގެ ތެރެއިން ސަރުކާރުން މިހާތަނަށް ފުރިހަމަ ކުރެވިފައި ވަނީ 9 މަސައްކަތެވެ. ރާއްޖޭގެ ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކަށް "ބޭބީ ބޮކްސް" ދޭން ފަށާނެ ކަމަށާއި، ހާއްސައެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ދެނެގަނެ ހައްލު ކުރަންޖެހޭ ކަންތައްތައް ހައްލު ކުރާނެ ކަމަށް ބުނި ބުނުން އަދި ފުއްދިފައެއް ނުވެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އަތްނުލާ ދޫކޮށްލާފައި އޮތް ހަމަ އެއްމެ ވައުދެއްވެސް ނެތެވެ. އެކަމަކު ނުނިމި ހުރި ކިތައްމެ ވައުދެއް އެބަ ހުއްޓެވެ. އެހެންކަމުން ސުވާލަކީ، ސަރުކާރަށް 100 ދުވަސް ފުރުން ފާހަގަ ކުރަން ވާއިރަށް ނުނިމި ހުރި މަސައްކަތްތައް ނިންމިދާނެ ކަމާމެދު އުފެދޭ ސުވާލެވެ. އެއީ ނުނިމި ހުރި މަސައްކަތްތަކަށް އިމްތިހާނުގައި މާކްސް ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައި ވާތީއެވެ.

ކޮންމެ އަކަސް އެކަމަށް ޖަވާބު ދޭނީ ރައްޔިތުންނެވެ. އިމްތިހާނުން ސަރުކާރަށް ލިބޭ މާކްސް ހާމަ ކުރާނީ އެ މީހުންނެވެ. 100 ދުވަހުގެ އިމްތިހާނުން ސަރުކާރު ފާސްވިކަން ނުވަތަ ނޫންކަން ނިންމާނީ ރައްޔިތުންނެވެ. 5 އަހަރުގެ ދައުރު ފުރިހަމަ ކުރުމުގެ ކުޅަދާނަކަން ސަރުކާރުގެ ކިބައިގައި ހުރިކަން ނުވަތަ ނޫންކަން މިނާނީ ވެސް ހަމަ ރައްޔިތުންނެވެ.