ވައުދެއް ވިއްޔާ ފުއްދަންވާނެއެވެ. މަޝްހޫރު ކޯޗް ފިރާސް އަފީފް ނަމޫނާ ދައްކާފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުން އެމްޑީޕީން 50 ގޮނޑި ކާމިޔާބުކޮށްފި ނަމަ 24 ގަޑިއިރު ނުހުއްޓި ފަތަން ބުނި ކޯޗް ފިރާސް އޭނާގެ ވައުދު ފުއްދުމަށް ފަތަނީއެވެ.

ވައުދު ފުއްދުމަށް ކޯޗް ފިރާސް ފަތަން ފަށާފައިވަނީ އިއްޔެ މެންދުރު 14:21 ހާއިރެވެ. އަދި މި ފެތުން ނިމޭނީ މިއަދު މެންދުރު ފަހު 14:21 ހާއިރެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޯޗް ފިރާސް އަށާއި މި ފެތުމުގައި ބައިވެރިވި ހުރިހާ މީހުންނަށް ސާބަސް ދަންނަވާ ކަމަށެވެ.

ކޯޗް ފިރާސްގެ މި ހަރަކާތުން ހައިރާންވެ ވަޑާއިގެން މާލެ ސިޓީގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފް ވެސް ވަނީ އޭނާއަށް ހިތްވަރާއި ސާބަސް ދެއްވާފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ނަގާފައިވަނީ 65 ގޮނޑި ކާމިޔާބު ކޮށްގެންނެވެ. މަޖިލީހުގައި ޖުމްލަ 87 ގޮނޑި ހުންނައިރު، އެމްޑީޕީން ވަނީ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކޮށްފައެވެ. އަދި އިދިކޮޅު ޕާޓީތަކަށް ޖުމްލަ 15 ގޮނޑި ނެގުނު އިރު ބާކީ ހަތް ގޮނޑި ނަގާފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،442 މީހުންނަށް ލިބިގެންވާ އިރު، ވޯޓުލި މީހުންގެ އަދަދު 212،079 އަށް އަރައެވެ. އަދި އެ އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރިއެވެ. އެ އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބެހެއްޓިއިރު، މާލޭގައި ބެހެއްޓީ 144 ވޯޓް ފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބެހެއްޓި އިރު ރާއްޖޭން ބޭރުގައި ބެހެއްޓީ އަށް ވޯޓު ފޮށްޓެވެ.