ހއ.ފިއްލަދޫ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

ފިއްލަދޫ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން އެރަށުގެ އިތުރުން މާލޭގައި ވެސް ކުރިއަށް އެބަދެއެވެ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމާފައިވަނީ އެ ރަށުގެ ދެ ކައުންސިލަރުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. އިސްތިއުފާ ދީފައި ވަނީ، އެރަށު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޖައުފަރު އާއި ކައުންސިލް މެންބަރު މުހައްމަދު ނާފިއުއެވެ. މިއަދު ބާއްވާ މި އިންތިހާބުގައި ވާދަކުރަނީ ޖުމްލަ ހަތަރު ކެންޑިޑޭޓުންނެވެ.

މިއީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށްފަހު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައި-އިލެކްޝަނެވެ. މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކޮށްފައިވަނީ މިދިިޔަ ބްރާސްފަތި ދުވަހުއެވެ. މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،442 މީހުންނަށް ލިބިގެންވާ އިރު، ވޯޓުލި މީހުންގެ އަދަދު 212،079 އަށް އަރައެވެ. އަދި އެ އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރިއެވެ. އެ އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބެހެއްޓިއިރު، މާލޭގައި ބެހެއްޓީ 144 ވޯޓް ފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބެހެއްޓި އިރު ރާއްޖޭން ބޭރުގައި ބެހެއްޓީ އަށް ވޯޓު ފޮށްޓެވެ.