ނިއުޕޯޓްގެ ވިޔަފާރީގައި ކުޑަވެސް މަސްލަހަތެއް ނޯންނާނެކަމަށް 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ވިދާޅުވީ ގާނޫނާއި ގަވާއިދާއި ހިލާފަށް އެއްވެސް މަންފާއެއް އެއްވެސް މީހަކަށް ހޯއްދަވައި ދެއްވުމަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި ނުހައްގުން އެއްވެސް މީހެއްގެ އަތުން އެއްވެސް އެއްޗެއް ނިގުޅައި ގަތުމަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ބުނެފައިވަނީ މި ފަހަކަށް އައިސް މި ސަރުކާރުގެ ބައެއް އިސްވެރިންނާއި ނިއުޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުރި، ޒާހިދު ރަމީޒާއި ގުޅުން އޮންނަކަމާއި، އެތަނުން ސަރުކާރުގެ ބޮޑެތި މީހުން ފާއިދާ ނަގަމުން ދާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދެކެވެމުން އަންނަ ވަހަކަތަކާއި ގުޅިގެންނެވެ.

މިދިޔަ މާޗް މަހު 10 ވަނަ ދުވަހު ނިއުޕޯޓް ވިއު ހިންގަމުންދާ ސްޓްރާޑާ ޕްރައިވެޓް ލިމިޓް ކުންފުންޏަށް އެ ތަން ހުސްކުރުމަށް އެއްމަސް ދުވަހުގެ ނޯޓިސް ޕްލޭނިން މިނިސްޓްރީން ދީފައިވެއެވެ. ނަމަވެސް ނިއުޕޯޓް ވިއު ހުސްނުކޮށް ހުރީ މި ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންގެ ނުފޫޒުގެ ދަށުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނިއުޕޯޓް ވިއު 30 ދުވަސް ތެރޭ ހުސްކުރަން އަންގާފައި ވަނީ ތިންމަސް ވަންދެން ތަނުގެ ކުލި ނުދެއްކުމާއި ގުޅިގެންނެވެ. އެ ރެސްޓޯރެންޓް ކުއްޔަށް ދިނުމުގެ އެއްބަސްވުން ހަދާ، އެތަން ކުއްޔަށް ދީފައި ވަނީ އަށް އަހަރު ދުވަހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މި އެއްބަސްވުމުގައި ވާ ގޮތުން ތަނުގެ ކުލި ނުދައްކާތާ އެއްމަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ތަން ހުސްކުރަން އެންގިދާނެއެވެ.