ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރި ކުރާ ގޮތް ޝޭކްސްޕިއާގެ މާޗެންޓް އޮފް ވެނިސްގައި އުޅޭ ޝައިލޮކް ދަސްކުރަން ފެންނަކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރު މާރިޔާ މިސާލު ޖައްސަވައިފިއެވެ.
ބީއެމްއެލް އިން ސާފު ފައިދާގެ ގޮތުގައި 1.6 ބިލިއަން ރުފިިޔާގެ ރެކޯޑު ފައިދާއެއް ހޯދުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ފާޑު ކިއުން ބީއެމްއެލަށް އަމާޒުވަމުން ދަނިކޮށް މިނިސްޓަރު މާރިޔާގެ ވަނީ މި ފައިދާއަށް އަމާޒުކޮށް ޓްވީޓެއް ކުރައްވާފައެވެ.
ޓްވީޓުގައި މާރިޔާ މިސާލު ޖައްސަވާފައިވާ ޝޭކްސްޕިއާގެ މާޗެންޓް އޮފް ވެނިސްގައި އުޅޭ ޝައިލޮކަކީ މީހުންނަށް ލޯނުގެ ގޮތުގައި ފައިސާ ދީ އުޅުނު މީހެކެވެ. ޝައިލޮކް ލޯނު ދެނީ އެ ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އޭނަ އަތުން ލޯނު ނެގި މީހާގެ ގައިން 'ޕައުންޑެއްގެ މަސް' އޭނާއަށް ދޭން ޝަރުތުކުރުމަށް ފަހުއެވެ.
މިނިސްޓާ މާރިއާ ވިދާޅުވީ ބޭންކުން ހުރިހާ ކަމަކަށް ރައްޔިތުން ލައްވާ 'ޕޭ' ކުރުވާފައި އެހާބޮޑު އެއްޗެއް ސާފު ފައިދާގެ ގޮތުގައި ނެގީމާ އެކަން ސިފަވީ ޝައިލޮކް ގެ އާދައާ ކަމަށެވެ.
އާންމުންގެ ފާޑު ކިއުން ބީއެމްއެލްއަށް އަމާޒުވުން މިހާރު ދަނީ އާންމުކަމަކަށް ވަމުންނެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު ބީއެމްއެލުން ތައާރަފް ކުރި ވެހިކަލް ލޯނަށް އަމާޒުވި އާންމުންގެ ފާޑު ކިއުން ފާހަގަ ކޮށްލެވެއެވެ. ވެހިކަލް ލޯނަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރުގެ ފާޑުކިއުން ވެސް އަމާޒުވެފައި ވެއެވެ.