ގާފަރުގައި ޝީޝާ ބާ އެއް، އަދި ކާށިދޫގައި ސޫޝީ ބާ އެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް، ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
"އަޅުގަނޑު މިހާރު ގާފަރުގައި މި ހަދަނީ ޝީޝާ ބާ އޭ. ދެން އަޅުގަނޑު ކާށިދޫގައި ހަދާނީ ސޫޝީ ބާ އެކޭ. ބާ އެކޭ ބުނީމަ އެތަނުގައި ރަލެއް ނުހުންނާނެ. އޮޅިގެން ނޫޅެވޭނެ. ކޮންމެ އެއްޗެއް ބުނާ އިރަށް އޭގައި ހުންނަ ނެގެޓިވިޓީ އަށް ނުވިސްނާށޭ." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކޮންމެ ވާހަކައެއް ދައްކާއިރަށް އޭގައި ހުންނަ ނެގެޓިވިޓީ އަށް ވިސްނާ އެ ވާހަކަތަކަށް ޖޯކު ޖަހަން ނުޖެހޭ ކަމަށާއި ސީދާ ޕޮއިންޓަށް ދިޔައީމައި ނިމުނީކަމަށެވެ. އޭނާ ވިދާޅުވީ ކާށިދޫއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅަން ވިދާޅުވުމަކީ ޖޯކެއް ނޫން ކަމަށެވެ. އަދި އެއީ ކާށިދޫގައި ފަށްޓަވަން އުޅުއްވާ ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ ފަސޭހައިން ކުރެއްވޭނެ އެއްކަން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ އޭނާގެ ޓީވީ ޗެނަލެއް ހައްދަވާނެ ކަމަށާ އެ ޓީވީ ޗެނަލް މެދުވެރިކޮށް ކާށިދޫ އަށް އޭނާ ގެންގުޅުއްވާ ތަސައްވުރުގެ މަސައްކަތް ރައްޔިތުންނަށް ބްރީފް ކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދާނީ ރައްޔިތުންގެ ކޮންސަލްޓަންޓުން ކަމަށާއި ކާށިދޫގައި އޭނާ ފަށްޓަވަން ގަސްދު ކުރައްވާ ޕްރޮޖެކްޓު މިހާރު ވަނީ ސަރުކާރުން އެޕްރޫވް ކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާ ވެރިންނަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ލާޒިމުކުރާއިރު، ސީދާ އެ ޤާނޫނާ އަދި ޤާނޫނުގެ ރޫޙާ ޚިލާފަތް ދުންފަތުގެ އިސްތިއުމާލުކުރުން ޕްރޮމޯޓް ކުރާ ވާހަކަ ޤާނޫނު ހަދާ މަޖްލީހަށް ހޮވިފަ ހުރި މީހަކު މި ދައްކަނީ ޤައުމީ ޓީ ވީ ގަ.