ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ މިއަށްވުރެ އިތުރު ވާންޖެހޭ ކަމަށާއި، އެކަމަށް ފައްކާވެފައި ތިބި ދިވެހި އަންހެނުން ވަރަށް ގިނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އެންމެ 4 އަންހެން ކަމަށާ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން މިއަށްވުރެ އިތުރު ވާންޖެހޭ ކަމަށެވެ.

"މި ދިޔަ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ވެސް އެންމެ 4 އަންހެން ބޭފުޅުން. އެއީ މުޅި މަޖިލީހުގެ އެންމެ 4.5 އިންސައްތަ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ރާއްޖޭގެ ހޭލުން ތެރި ކަމާއި، ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ މިއަށްވުރެ އިތުރު ވާންޖެހޭނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމުގައި ގައުމީ ޔުނިވާސިޓީ އަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި މިރޭ ޔުނިވާސިޓީއިން ދަސްވެނިވާ ދަސްވެނިންގެ 78.2 އިންސައްތަ އަކީ އަންހެނުން ކަން އުފަލާއެކު ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ތައުލީމީ މައިދާނުގައި ކުރިއަރައިގެންދާ ހަލުވި މިނުގައި ހަޔާތުގެ އެހެން މައިދާން ތަކުގައި ވެސް ކުރިއަރާ ދިޔުމަށް ޒުވާން އަންހެނުންނަށް ރައީސް މިރޭ އިލްތިމާސް ކުރައްވާފައި ވެއެވެ.