ކަރަންޓު ބޭނުން ކުރާ އިރު ލޯޑު ދަށްވާ ގޮތަށް ބޭނުން ކުރުމަށް މޯލްޑިވްސް ނޭޝަނަކް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.
މިއަދު ކޯސްޓްގާޑު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ކާނަލް އަބްދުﷲ އިބްރާހީމް ވިދާޅުވީ ލޯޑު ނުވާގޮތަށް ކަރަންޓު ބޭނުން ކުރުމަށާއި، ތްރީ ޕިނުގެ ބަދަލުގައި އެޑަޕްޓަރު ބޭނުން ކުރުމުގެ އިތުރުން އިމާރާތްތަކުގެ ކަރަންޓް ވައިރިން މަދުވެގެން އަހަރަކު އެއްފަހަރު ޗެކް ކުރުމަށެވެ. އަދި ޑީސީ ކަރަންޓުން ބޭނުން ކުރުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.
މި ބައްދަލުވުމުގައި ފަޔާ އެންޑް ރެސްކިއު ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމް ވިދާޅުވީ، ފާއިތުވި ހަތަރު މަސްދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އަލިފާނުގެ 86 ހާދިސާއެއް ހިނގާފައި ވާކަމަށެވެ. މީގެ ތެރޭގައި ކަރަންޓާއި ގުޅުންހުރި ތަފާތު 18 ހާދިސާއަކާއި އުނދުން މައްޗަށް ކައްކަން އުދާފަ ދުރަށް ދެވުމުގެ ސަބަބުން ހިނގާފައިވާ 16 ހާދިސާއަކާއި ވެހިކަލްތަކުގައި ރޯވާ އަލިފާނުގެ ދިހަ ވަރަކަށް ހާދިސާގެ އިތުރުން ކަނޑުމަތީގެ އުޅަނދު ތަކުގައި ތިން ހާދިސާ އެއް ހިނގާފައި ވާކަމަށެވެ. އަދި ރިސޯޓުތަކުގައި ހިނގި ހަތަރު ހާދިސާއަކާއި ކުނިގޮނޑު ތަކުގައި ރޯވެގެން ހިނގި އަށް ހާދިސާއަކާއި ވަލުތަކުގައި ރޯވެގެން ހިނގި އެގާރަ ހާދިސާއެއްގެ އިތުރުން ގަސްތުގައި ރޯކޮށްލައިގެން ހިންގާވައިވާ ހަތަރު ހާދިސާއެއް ފާހަގަ ވާކަމަށެވެ.
ކާނަލް ވިދާޅުވީ، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ބޭނުން ކުރަން މާލޭގެ ހުންނަ ވޯޓާ ހައިޑްރާންޓް ސިސްޓަމްތަކުގެ ތެރެއިން މުހިންމު ސަރަހައްދުތަކުގައި ހުރި އެއްވެސް ވޯޓާ ހައިޑްރާންޓް ސިސްޓަމެއް މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް މާލޭގެ މުހިންމު ސަރަހައްދު ނޫން ނަމަވެސް އެހެނިހެން 29 ސަރަހައްދެއްގައި ފެން ނެގޭ ގޮތަށް ހުންނާނެ ކަމަށާއި އެ ސަރަހައްދުތަކުގައި ހުރި ހައިޑްރާންޓް ސިސްޓަމްތަކަކީ ބޭނުން ކުރެވޭ ހާލަތުގައި ހުރި ހަމައެކަނި ސިސްޓަމްތައް ކަމުގައި ކާނަލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އެމަޖެންސީ ނަންބަރަށް 4808 ފަރާތަކުން ގުޅައިފައިވާ ކަމަށެވެ. އޭގެ ތެރެއިން އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭ ކަމުގެ ހަގީގީ ކޯލެއްގެ ގޮތުގައި ގުޅައިފައި ވަނީ 53 ފަރާތަކުން ކަމަށާއި ދެން ހިމެނެނީ މައުލޫމާތު ސާފު ކުރުމުގެ ކޯލްތަކާއި އެހެނިހެން ކޯލްތައް ކަމަށެވެ. ނަމަވެސް މީގެ ތެރޭގައި ފޭކް ކޯލްތައް ހިމެނޭ ކަމަށް ކާނަލް ވިދާޅުވެފައެއް ނުވެއެވެ.