ބްރިޖް ވިއުއިން ޕްލެޓްފޯމާ، އިންވެގެން ހަދާފައި ހުރި 'ނިއުޕޯޓް ވިއު' ރެސްޓޯރެންޓް 30 ދުވަސް ތެރޭ ހުސްކުރުމަށް ސަރުކާރުން އަންގައިފައިވީ ނަމަވެސް، އެ މުއްދަތު ހަމަވިއިރު ވެސް އެތަން ހުސްނުކޮށް ދަނީ ވިޔަފާރި ކުރަމުންނެވެ.

މިދިޔަ މާޗް މަހު 10 ވަނަ ދުވަހު ނިއުޕޯޓް ވިއު ހިންގަމުންދާ ސްޓްރާޑާ ޕްރައިވެޓް ލިމިޓް ކުންފުންޏަށް އެ ތަން ހުސްކުރަން ޕްލޭނިން މިނިސްޓްރީން ނޯޓިސް ދީފައިވެއެވެ. ނަމަވެސް ނިއުޕޯޓް ވިއު ހުސްނުކޮށް ހުރީ މި ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންގެ ނުފޫޒުގެ ދަށުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނިއުޕޯޓް ވިއު ހުސްކުރަން އެންގުމާ ގުޅިގެން ސްޓާރާޑާ ކޮމްޕެނީން ތަނުގެ ބަދަލު ހޯދުމަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަދި އެކުންފުނިން ބުނީ ކޯޓުން ނިންމާ ގޮތަކަށް އަމަލުކުރާނެ ކަމަށާއި، ބަދަލުދިނުމަށް ފަހު ތަން ހުސްކުރަން ކޯޓުން އަންގައިފިނަމަ އެގޮތަށް އަމަލުކުރާނެ ކަމަށެވެ.

ނިއުޕޯޓް ވިއު 30 ދުވަސްތެރޭ ހުސްކުރަން އަންގާފައި ވަނީ ތިންމަސް ވަންދެން ތަނުގެ ކުލި ނުދެއްކުމާއި ގުޅިގެންނެވެ. އެ ރެސްޓޯރެންޓް ކުއްޔަށް ދިނުމުގެ އެއްބަސްވުން ހަދާ، އެތަން ކުއްޔަށް ދީފައި ވަނީ އަށް އަހަރު ދުވަހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މި އެއްބަސްވުމުގައިވާ ގޮތުން ތަނުގެ ކުލި ނުދައްކާތާ އެއްމަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ތަން ހުސްކުރަން އެންގިދާނެ ކަމަށް ވެއެވެ.

ސްޓްރާޑާ އިން އެ ސަރަހައްދު ކުއްޔަށް ދޫކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރީ، އޭރު ވެރިކަން ކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަމަވެސް ވެރިކަން ބަދަލުވުމުން ޒާހިދު ވަނީ ކުންފުނި ހިންގުމާ ދުރުވެ އޭނާގެ އަންހެނުން މަލަކާ އަބްދުލް ހަކީމްގެ ނަމަށް ކުންފުނި ބަދަލު ކޮށްފައެވެ. ޒާހިދަކީ ކުރީގެ ރައީސް ޔާމީނާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ. ނަމަވެސް ޔާމީން ޖަލަށްލާން ކޯޓުން ކުރި ހުކުމާއެކު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ޕާޓީ ހިސޯރުކޮށްފި ކަމަށް ބުނެ އޭނާ ވަނީ ޕީޕީއެމުން ވަކިވެފައެވެ.

އަދި މި ފަހަކަށް އައިސް މި ސަރުކާރުގެ ބައެއް އިސްވެރިންނާއި ޒާހިދާއި ގުޅުން އޮންނަކަމާއި، އެތަނުން ސަރުކާރުގެ ބޮޑެތި މީހުން ފާއިދާ ނަގަމުން އަންނަ ކަމުގެ ތުހުމަތުގެ އަޑުތައް ސޯޝަލް މީޑިއާގައި އަންނަނީ ގަދަވަމުންނެވެ.