ޔޫރަޕިއަން ޔޫނިއަން ގެ ގައުމުތަކަށް ދާން ބޭނުންވާ ޝެންގެން ވިސާއަށް އެދެވޭނެ ދާއިމީ އޮފީހެއް ރާއްޖޭގައި ގާއިމު ކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ޖަރުމަނާ އެކު މަޝްވަރާ ކޮށްފިއެވެ.

ޝެންގެން ވިސާގައި ޔޫރަޕުގެ 26 ގައުމަކަށް ދަތުރު ކުރެވޭނެއެވެ. އޭގެ ތެރޭ އޮސްޓްރިއާ، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ޑެންމާކް، ފިންލޭންޑް، ފްރާންސް، ޖާރުމަން، އައިސްލޭންޑް، ސްޕެއިން، ސްވިޒަލެންޑް އަދި އިޓަލީ ފަދަ ގައުމު ތައް ހިމެނެއެވެ.

މި ކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވީ ފަސްވަނަ ބާލިން އެނާޖީ ޓްރާންސިޝަން ޑައިލޮގް ގައި ބައިވެރިވެ ވަޑަގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަރުމަނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސް މިނިސްޓަރާ އެކު ބޭއްވި ބައްދަލު ވުމެއްގައެވެ.

މި ބައްދަލުވުމުގައި ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަނީ، ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރައްވާ މަރުހަބާ ދަންނަވާފައި ވެއެވެ. އަދި ރާއްޖޭގެ ވެރިކަން ބަދަލު ކުރުމާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ޔޫރަޕިއަން ޔޫނިއަންއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވާ، މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރައްވާފައި ވެއެވެ.

މިނިސްޓަރު ޝާހިދުގެ އިތުރުން ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު ލަތީފާއި، ސަފީރުގެ ނައިބު މުހައްމަދު ޖިނާހާއި ޝިރުޒިމަތު ސަމީރް މި ބައްދަލުުމުގައި ބައިވެރިވެ ވަޑައިގަންނަވާފައި ވެއެވެ.