ނިމިގެންދިޔަ މަޖިލިސް އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަ (އީސީ) އަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން މާމިގިލީ ދާއިރާގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި، މާވަށު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ސައީދު އަދި މަޑުއްވަރީ ދާއިރާގެ ކެންޑިޑޭޓް އާދަމް ޝަރީފް އުމަރުގެ ވޯޓު އަލުންގުނަން އީސީން ނިންމައިފިއެވެ.

އީސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން 74 ވޯޓު ފޮށްޓެއްގެ ވޯޓު އަލުން ގުންނަ ނިންމާފައިވާ ކަމަށެވެ. އެއީ މާމިގިލި ދާއިރާގެ އެއް ފޮށްޓާއި، މަޑުއްވަރީ ދާއިރާގެ ހަތަރު ފޮށި އަދި މާވަށު ދާއިރާގެ 69 ފޮށްޓެއްގެ ސެކިއުރިޓީ އުރަ ތިނެއް ކަނޑާ، ވޯޓު ކަރުދާތައް އަލުން ގުނުމަށް ކަމަށް އީސީން ބުނެއެވެ.

ތިން ދާއިރާގެ ވޯޓު ފޮށިތައް ކަނޑާ އަލުން ގުނަން ނިންމާފައިވަނީ، މި ދާއިރާތަކުގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިމިފައިވަނިކޮށެވެ. އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް "ދަޕްރެސް" އަށް ވިދާޅުވީ މާވަށު ދާއިރާގެ ވޯޓު އަލުން ގުނަން ނިންމާފައިވަނީ އެ ދާއިރާގެ އެމްޑީޕީގެ ކެންޑީޑޭޓްގެ އިންތިހާބީ އެޖެންޓް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އީސީން ބެލި ބެލުމުގައި ބާތިލް ވޯޓު އަލުން ގުނައިގެން ވޯޓުގެ ނަތީޖާއަށް ބަދަލު އައިސްދާނެކަމަށް ބެލެވޭތީ އެ ދާއިރާގެ 69 ވޯޓު ފޮށި ގުނަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުުރުން މަޑުއްވަރީ ދާއިރާގެ ހަތަރު ފޮށި ގުނަން ނިންމީ ވެސް މިފަދަ ޝަކުވާއަކާއި ގުޅިގެން ކަމަށާއި، އދ. ފެންފުށީގައި ބެހެއްޓުނު މާމިގިލީ ދާއިރާގެ ވޯޓު ފޮށި ގުނަން ނިންމާފައިވަނީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ އިންތިހާބީ އެޖެންޓް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށް އަކްރަމް ވިދާޅުވިއެވެ.

މާމިގިލި ދާއިރާގެ ފެންފުށީގައި ބެހެއްޓި ވޯޓު ފޮށިން ގާސިމަށް ލިބިވަޑައިގަތީ 222 ވޯޓެވެ. އެމްޑީޕީ ކެންޑިޑޭޓް އަލީ އަމީޒަށް ލިބުނީ 237 ވޯޓެވެ. މަޑުއްވަރީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އާދަމް ޝަރީފަށް ލިބިވަޑައިގަތީ 845 ވޯޓެވެ. އަދި އެމްޑީޕީ ކެންޑިޑޭޓް އާދަމް ޝިހާމަށް ލިބިވަޑައިގަތީ 804 ވޯޓެވެ. މާވަށު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް މުހައްމަދު ސައީދަށް ލިބިވަޑައިގަތީ 854 ވޯޓެވެ. އަދި އެމްޑީޕީ ކެންޑިޑޭޓް އިބްރާހީމް ފަލާހަށް ލިބިވަޑައިގަތީ 846 ވޯޓެވެ.

މިއަދު 74 ފޮށްޓެއްގެ ވޯޓު އަލުން ގުނަން ނިންމާފައިވާ އިރު، މާމިގިލީ ދާއިރާގެ މާމިގިލީގެ ތިން ވޯޓު ފޮށްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން އިއްޔެ އީސީން ނިންމާފައިވެއެވެ. އީސީން މި ތިން ފޮށީގެ ބާތިލު ވޯޓު އަލުން ގުނަން ނިންމީ އެދާއިރާއަށް ވާދަކުރި ކެންޑިޑޭޓެއްގެ މަންދޫބަކު ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށް އީސީން ބުނެއެވެ.

މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައިވާ ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ގޮނޑި ލިބިވަޑައިގަތީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރި އަލީ އަމީޒާ ވާދަކޮށް 80 ވޯޓުގެ ތަފާތުންނެވެ. މި ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 2724 މީހުންގެ ތެރެއިން މި ދާއިރާއަށް ވޯޓުލީ 2295 މީހުންނެވެ. އަދި ވޯޓުލި މީހުންގެ ތެރެއިން 2105 މީހުންގެ ވޯޓު ސައްހަ ކަމަށް ބެލެވޭ އިރު 190 މީހުންގެ ވޯޓު ބާތިލް ވެފައި ވެއެވެ.

މީގެ އިތުރުން، ފަރަގު ކުޑަ ވުމުގެ ސަބަބުންނާއި ބާތިލު ވޯޓު ގިނަވުމުގެ ސަބަބުން ލ. މާވަށު ދާއިރާގެ 3 ވޯޓު ފޮށްޓެއްވެސް އަލުން ގުނުމަށް ނިންމާފައި ވާކަމަށް އިކެލްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މާވަށު ދާއިރާގެ 2789 ރައްޔިތަކަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު ވޯޓު ލާފައި ވަނީ، 2421 މީހުންނެވެ. އޭގެ ތެރެއިން 30 ވޯޓަކީ ބާތިލު ވޯޓެވެ.