ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއާ މެދު ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްވެސް ވަރަކަށް ސުވާލު އުފައްދަވާފައި ނުވާކަމަށް އެމްއާރުއެމުން ބުނެފިއެވެ.

އިންތިހާބުގެ ނަތީޖާއަށް ފަހު އެމްއާރުއެމްގެ މީހުންނާ ބައްދަލު ކުރައްވާ މައުމޫން ދެއްކެވި ވާހަކަ ކޮޅެއް ހިމެނޭ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާއިރު އެ ވީޑިއޯ ކްލިޕުގައި މައުމޫން ވިދާޅުވަނީ އެކިއެކި ނޭދެވޭ ނުފޫޒުތައް ވަނުމުގެ ސަބަބުން އެމްއާރުއެމުގެ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބުމުގައި ހުރަސްތައް ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ނަޒާހަތްތެރި މަޖިލީހެއް ހޮވާށޭ، ނަޒާހަތްތެރި މަޖިލީހެއް ގާއިމު ކުރެވޭނީ ނަޒާހަތްތެރި އިންތިހާބެއް ބާއްވައިގެން. އެއިންތިހާބުގެ މާހައުލާކީ ނަޒާހަތްތެރި މާހައުލަކަށް ވެގެން. އެއާ ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގައި ބޭއްވޭ އިންތިހާބެއްގެ ނަތީޖާ އަކީ ހަގީގަތުގައި ތެދު ނަތީޖާއަކަށް ނުވާނެ" މައުމޫނު ވިދާޅުވިއެވެ.

މައުމޫނުގެ މި ވާހަކަ ކޮޅާއެކު ނިމިދިޔަ އިންތިހާބުގެ ނަޒާހަތްތެރި ކަމާ މެދު މައުމޫނު ސުވާލު އުފެއްދެވީތޯ ގިނަ ބަޔަކު ސުވާލު ކުރަމުން ދިޔުމާ ގުޅިގެން އެމްއާރުއެމުން ބުނީ އެވާހަކަ ކޮޅަކީ ނަތީޖާއާ މެދު ސުވާލު އުފައްދަވައިގެން ދެއްކެވި ވާހަކަކޮޅެއް ނޫން ކަމަށާ އެވާހަކަ ދައްކަވާފައިވަނީ އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ނެތުމާ، ޕީޕީއެމް ނުލިބުމާ އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ކެމްޕޭނު ނުކުރެވުމުން ބޭނުންވި ނަތީޖާ ނުނެރެވުމުގެ ވާހަކަ އާ ގުޅުވާފައި ކަމަށެވެ.

އެ ވީޑިއޯ އާ ގުޅޭ ގޮތުން އެމްއާރްއެމް އިން އިތުރަށް ބުނީ، އެއީ މައުމޫން ދެއްކެވި ވާހަކައިގެ އަސްލު އޮޅޭ ގޮތަށް މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި އެ ވާހަކަ އެއްކޮށް އަޑުއަހާލުމުން ދެއްކި ވާހަކައިގެ ހަގީގަތް އޮޅުން ފިލާނެ ކަމަށެވެ.

ވީޑިއޯގައި މައުމޫން މިހެން ވިދާޅުވެފައި ވާއިރު، އެމަނިކުފާނުގެ ތާއީދާއެކު އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ގައި ކާމިޔާބު ލިބުނީ ގޮނޑި ގެއްލުނު ބާރަ މެންބަރުންގެ ތެރޭގައި ހިމެނޭ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އަށެވެ. އެނޫން އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބު ކުރެވިފައި ނުވާއިރު ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނަށްވެސް ވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި ގެއްލިފައެވެ.