އިސްލާމްދީނުގެ ނަމުގައި ސިރިއާއަށް ހަނގުރާމައަށް ދިިޔަ ދިވެހިންގެ ތެރެއިން 400 އަށްވުރެ ގިނަ އަންހެނުން އެތަނުގައި ހަށިވިއްކަމުންދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަކީ ރާއްޖެއަށް އެހެން ދީންތައް ގެންނަން އުޅޭ ބައެއް ކަމަށާއި، އެއީ ލާދީނީ ބައެއް ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވަމުން، މިސާލެއްގެ ގޮތަށް ނަޝީދު ވިދާޅުވީ ދީނުގެ ނަމުގައި އެތައްސަތޭކަ ދިވެހިންނެއް ސީރިއާއަށް ގޮސްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 160 އެއްހާ މީހުން މަރުވެފައިވާ ކަމަށާއި، ދިވެހި 400 އަށްވުރެ ގިނަ މީހުން ހަށިވިއްކަމުން އެތަނުގައި އެބަގެންދާ ކަމަށެވެ.

"ދެން މިބޭފުޅުން ވިދާޅުވަނީ އެއްކައިވެންޏޭ އަނެއްކައިވެންޏޭ. ހަމަ އެކަކު މަރުވާތަނުން އެ އަންހެން މީހާ އެދަނީ އެކަކު އަތްމަތިން އަނެކަކު އަތްމައްޗަށް. އަޅުގަނޑު ކައިރީގައި ކިތައްމެ ގެއެއްގެ މީހުން، ކިތައްމެ އާއިލާތަކުން އެބައާދޭ ކެނޑިނޭޅި. އަޅުގަނޑަށް ޓެކްސްޓް ވެސް އެބަކުރޭ މިކަމާއި ދެރަވެގެން. އެމީހުންގެ މާމަދަރިން އެމީހުންގެ ކާފަ ދަރިން ވެއްޖެ ސީރިއާގައި. އެމީހުންގެ އަންހެން ދަރިންވެއްޖެ ސީރިއާގައި. އެ އަންހެން ދަރިން އެދަނީ އެއްފިރިހެނެއްގެ އަތުން އަނެއް ފިރިހެނެއްގެ އަތުން އަނެއް ފިރިހެނެއްގެ އަތުން" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ހުރިހާ ކަމެއް ހިންގި ބަޔަކު އެކަން ހިންގާފައިވަނީ އިސްލާމްދީނުގެ ނަމުގައި ކަމަށާއި، ރާއްޖެއިން ބޭރަށް އެމީހުން ގެންދިޔައީ އިސްލާމްދީނުގެ ނަމުގައި ކަމަށެވެ. އަދި އެމްޑީޕީން އެކަމާ އިންކާރުކުރުމުން، އެބޭފުޅުން [އިދިކޮޅު ފަރާތްތަކުން] އެ ވިދާޅުވަނީ އެމްޑީޕީން ދީނާ ހިލާފުވިކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ދީނާ ހިލާފު ބައެއް ނޫން ކަމަށާއި، އެއީ ވަރަށް ބޮޑު ދޮގު ވާހަކައެއް ކަމަށެވެ. އަދި މި މައްސަލައިގައި އިންތިހާއަށް ހިތާމަކޮށް ދެރަވެލައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު / ފައިލް ފޮޓޯ: ޙުސައިން މަޙްތޫމް | ދަޕްރެސް

ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ނަންގަވައިގެން އެމްޑީޕީ ބަދުނާމުކުރަމުން ދާކަމަށެެވެ. އަދި އެ ދައްކަވަނީ ކަނޑައެޅި ދޮގުވާހަކަތަކެއް ކަމަށާއި، އެއްގޮތަކަށް ވެސް ދޮގު ވާހަކަތަކެއް ދައްކައިގެން ނުވާނެ ކަމަށެވެ.

"އެއްވެސް ގޮތަކަށް އެ ދޮގު ވާހަކަ ދައްކައިގެން ނުވާނެ. އަޅުގަނޑު ނުދަންނަވާނަން ދެއްކުން އެއީ މަނާކަމެކޭ. ދައްކުވައިގެން ނުވާނެ. ދެން އަޅުގަނޑުމެން ނޫން އިސްލާމްދީނާއި ހިލާފު އަމަލު ހިންގަމުންދަނީ. އެމްޑީޕީން ދުވަހަކުވެސް އެކަހަލަ ކަމެއް ކުރިއަށް އޮތްތަނުގައި ނުކުރާނެ. އަދި ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީނެއް ގެންނާކަށް އެމްޑީޕީއެއް މަސައްކަތެއް ނުކުރާނެ. އެމްޑީޕީން މަސައްކަތް ކުރާނީ ދިވެހިރާއްޖޭގައި އިސްލާމްދީން ހިމާޔަތްކުރަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަޅުގަނޑުމެންނަކީ ރަނގަޅު އިސްލާމުން ކަމަށާއި، އެއްވެސް ހާލެއްގައި އެއިން އެއްވެސް ބޭފުޅަކަށް އެހެންމީހަކާ ދިމާލަށް ލާދީނީއޭ ވިދާލުވެ އެހެން ގޮތްގޮތަކަށް ވާހަކަދައްކާ އުޅުމުގެ ކުޑަވެސް ހައްގެ ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ސުޕަމެޖޯރިޓީ ހަވާލުކޮށްފައިވަނީ އެ ބޭފުޅުން [އިދިކޮޅު މީހުން] ހުރިހާއެއްޗެއް ގޮވަގޮވާ ތިއްބާ ކަމަށެވެ. އަދި އެމަނިކުފާނާ ވާދަ ކުރި ސަލަފް ޖަމާއަތުގެ ބޮޑު މީހެއް [އިބްރާހީމް މުހައްމަދު] އާއި އެ ޖަމާއަތުގެ ބޭފުޅުންވެސް ތަކުރާރުކޮށް ދައްކަަވަމުން ގެންދެވީ އިސްލާމްދީނުގެ ނަމުގައި ކޮންމެވެސް ވާހަކަތަކެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އިސްލާމްދީން ހިމާޔަތް ކުރެވޭނެ މީހުން މިހާރު މިތިބީ ދިވެހިރާއްޖޭގެ ވެރިކަމުގައާއި، އަލަށް ހޮވުނު މަޖިލީހުގައި ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިބޭނީ ހިތްހަމަޖެހުމާއެކީގައި ކަމަށާއި، އިދިކޮޅަކަށް، އެކިއެކި މުންކަރާތްތަކާއިި ބިދުއަތައް އިސްލާމްދީނުގެ ނަމުގައި ދިވެހިންގެ ތެރެއަށް ނުގެނެވޭނެކަމަށެވެ.