ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓިއަކީ ސަރުކާރުގެ ޕާޓިއެއް ނޫން ކަމަށާއި، އެދިވަޑައިގަންނަވަނީ ވާދަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކޯލިޝަނުން އެއްބަސްވީ ސަރުކާރު އެކުލަވާލުމުގައި އިއްތިހާދުވާން ކަމަށާއި، މަޖިލިސް އެކުލަވާލުމުގައި އިއްތިހާދުވާން އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމުން ތިބީ މަޖިލީހަށް އިއްތިހާދުވެގެން ކަމަށާއި، އެބޭފުޅުން ނުކުންނެވީ ވެސް އިއްތިހާދުވެގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވި. ދެން އަމިއްލަ މެންބަރުން ވެސް އެބަތިބި. އަޅުގަނޑު އެދެނީ އެބޭފުޅުން ގުޅިގެން މަސައްކަތް ކުރުން. އަދި އިހްލާސްތެރި ވާދަވެރިންގެ ގޮތުގައި އެ ބޭފުޅުން ތިއްބެވުން. އަޅުގަނޑު ދެކޭ ގޮތުގައި އެބޭފުޅުންނަށް އެކަން ކުރެއްވޭނެ. މަޖިލީހުގެ ހިންގާ ގަވާއިދު ޖާގަދޭން ޖެހޭނެ. ވަގުތުވެސް ދޭންޖެހޭނެ. އެކަށީގެންވާ ވަގުތުވެސް ދޭންޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން 17 މެންބަރުންނާއި 18 މެންބަރުންނާއެކު މަޖިލިސް ޖަވާބުދާރި ކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވާފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ މިދިޔަ ދައުރުގައި، އެމްޑީޕީއަށް އެކަން ނުވީ އެތަނަށް ސިފައިންނާއި ފުލުހުން ވެއްދުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިހާރު ވެސް އެބަތިބި މަޖިލީހުގައި 18 ވަރަކަށް މެންބަރުން. އަޅުގަނޑުމެން ދެކޭ ގޮތުގައި އެ ޕާޓީއަކީ [ޖޭޕީ] އަކީ ސަރުކާރުގެ ޕާޓީއެއް ނޫން. ސަރުކާރު ހިންގުމުގައި އެގްޒެކެޓިވްއަކަށް އިއްތިހާދުވެގެން އަޅުގަނޑުމެން މިތިބީ. އެކަމާ އެއްވެސް ޝައްކެއް ނެތް އަދި އެއިން އެއްވެސް ވަޒީރު ބޭފުޅެއް ދުރުވާކަށް ވެސް އަދި ދެރަގޮތެއް ވާކަށް ވެސް އަޅުގަނޑުމެންވެސް ނޭދެން. ކުޑަކޮށް ވެސް ނޭދެން. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ނެތް. ރައްޔިތުންގެ މަޖިލީހުގައި މި އެދެނީ، އެބޭފުޅުން އަޅުގަނޑުމެން ޖަވާބުދާރީ ކުރުވަން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެންމެ މެންބަރެއް އިންނެވިއަސް ވަޒީރުންނާއި ސުވާލު ކުރެއްވޭނެ ކަމަށާއި، ކޮންމެ ދުވަހަކު ވެސް މަޖިލީހުގައި ވަޒިރުންނާ ސުވާލުކުރައްވަން 15 މިނެޓް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން އިދިކޮޅު މެންބަރުންނަށް، މަޖިލީހަށް ހުށަހަޅުއްވާ ބިލަކާއި ގުޅޭގޮތުން ވާހަކަދެެއްކޭނެ ކަމަށާއި، އެއްވެސް މިންވަރަކަށް އެވާހަކައަށް ހުއްޓުމެއް ގެނައުމުގެ ވިސްނުންފުޅެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ލިބިފައި އޮތް އަގްލަބިއްޔަތު ބޭނުންކުރައްވާނީ ޒިންމާދާރުކަމާއެކު ކަމަށެވެ.