ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓާ ދިމާކޮށް، ވެރިކަން ކުރާ ބީޖޭޕީއިން އާންމުކޮށްފައިވާ އެ ޕާޓީގެ މެނިފެސްޓޯއަށް، އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ރާހުލް ގާންދީ ވިދާޅުވީ، ބީޖޭޕީގެ މެނިފެސްޓޯއިން އިވިގެންދަނީ، "ދުރަށް ވިސްނަން ނޭނގޭ، ބާކީވެފައި ހުރި ރުންކުރު މީހެއް" ގެ އަޑު ކަމަށެވެ.

75 ވައުދަކާއެކު ބީޖޭޕީއިން މެނިފެސްޓޯ އާންމު ކުރުމަށް ހޯމަ ދުވަހު ކުރިއަށްގެންދިޔަ އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން މިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، "އޭސީ ކޮޓަރިކޮޅުތަކުގައި ތިއްބަވާ ބޭފުޅުންނަކީ، އިންތިހާއާށް ގޮސްފައިވާ ފަގީރުކަމަށް ހައްލެއް ހޯދާދެވޭނެ ބޭފުޅުންނެއް ނޫންކަމަށް" ވިދާޅުވެ، އިދިކޮޅު ފަރާތްތަކަށް ނުސީދާ ގޮތުންގެ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

ބީޖޭޕީގެ މެނިފެސްޓޯއާއި ގުޅިގެން ރާހުލް ގާންދީ އަމާޒުކުރެއްވި ފާޑުވިދާޅުވުންތަކަކީ، މޯދީގެ މި ހަމަލާއަށް ދެއްވި ރައްދެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.

ޓުވީޓު ކުރައްވަމުން ރާހުލް ގާންދީ ވިދާޅުވީ ކޮންގްރެސްގެ މެނިފެސްޓޯއަކީ މަޝްވަރާގެ ތެރެއިން އެކުލަވާލާފައިވާ، އެތައް މިލިއަން ބައެއްގެ އަޑުތައް ކަމަށެވެ. މިއާ ހިލާފަށް ބީޖޭޕީގެ މެނިފެސްޓޯއަކީ ބަންދު ކޮޓަރިއެއްގެ ތެރޭގައި އެކަހެރިވެ ބާކީވެ އިން މީހަކު ތައްޔާރުކުރި މެނިފެސްޓޯއެއް ކަމަށްވެސް ރާހުލް ގާންދީ ވަނީ ސިފަކުރައްވާފައެވެ.

ކޮންގްރެސް ޕާޓީގެ މެނިފެސްޓޯ އާންމުކޮށްފައިވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން އޭޕްރިލް 11 ވަނަ ދުވަހު ފަށާއިރު، މި ފަހަރުގެ އިންތިހާބުގައި 900 މިލިއަނަށްވުރެ ގިނަ މީހުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. މިލިއަނެއްހާ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށްދާއިރު، މިއީ ދުނިޔޭގައި ކުރިއަށްދާ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތެވެ.