ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގައި އަދާކޮށްފައިވާ ދައުރާ ގުޅިގެން ސައުދީ އަރަބިއްޔާގެ 16 މީހަކަށް އެމެރިކާއަށް ނުވަދެވޭ ގޮތް ހަދާފައިވާކަމަށް އެމެރިކަގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ މިކަން ހާމަކުރައްވާފައިވާ މި ދަނޑިވަޅަކީ، ޚަޝޯގީގެ މަރާ ގުޅިގެން އެމެރިކާގެ ކޮންގްރެސްއިން ސަރުކާރަށް ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ދަނޑިވަޅެކެވެ.

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލި ހާދިސާއާއި ގުޅިގެން ސައުދީ އަރަބިއްޔާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް އޮތް ގޮތާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ހާއްސަ ހާލަތްތަކުގެ ދަށުން އެމެރިކާގެ ހާރިޖީ ވަޒީރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސައުދީގެ 16 މީހަކަށް އެމެރިކާއަށް ނުވަދެވޭ ގޮތަށް އެމެރިކާގެ ހާރިޖިއްޔާއިން ހަމަޖައްސާފައިވާއިރު، އެ 16 މީހުންނާ ސީދާ ގޮތުން ގުޅުން އޮންނަ އާއިލާގެ މެމްބަރުންގެ މައްޗަށްވެސް މިއަމުރު ތަންފީޒު ކުރެވިގެންދާނެއެވެ.

އެމެރިކާއިން މީގެ ކުރިންވެސް ވަނީ ސައުދީގެ ގާތްގަނޑަކަށް 24 އަކަށް ރައްޔިތުންނަށް އެމެރިކާއަށް ނުވަދެވޭ ގޮތް ހަދާ، 17 މީހެއްގެ އެސެޓްތައް ހިފަހައްޓާފައެވެ.

ސައުދީގެ ސަރުކާރާ ޝާހީ އާއިލާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝައިއުކުރަމުންދިޔަ ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލާފައިވަނީ ވަރިކައިވެނީގެ ލިޔެކިއުންތަކެއް ހަމަޖެއްސުމަށް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަތް ހިސާބުން، އެކަމަށް ހާއްސަވެގެން ދުރާލާ ހަރަކާތްތެރިވި 16 މެމްބަރުންގެ މައްޗަށް އެކުލެވޭ "ޑެތު" ސްކޮޑަކުންނެވެ.

ޚަޝޯގީގެ މަރާ ގުޅިގެން ބަޔަކު ހައްޔަރުކޮށް، ތަހުގީގު ހިންގާ، މަރުގެ ހުކުމް އިއްވުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބުނުން ފިޔަވާ މިކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ސައުދީއިން ހާމަކޮށްފައެއް ނުވެއެވެ. ސައުދީއިންވަނީ ޚަޝޯގީގެ މަރާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ފަށާފައިވާ ތަހުގީގަށްވެސް އެއްބާރުލުން ދިނުމަށް އިންކާރުކޮށްފައެވެ.

ޚަޝޯގީ މަރާލީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)ގެ އޯޑަރަކަށް ކަމަށް ވާހަކަދެކެވެމުންދާއިރު ސާއުދީއިން ދަނީ މި ތުހުމަތަށް އިންކާރުކުރަމުންނެވެ.

ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ސައުދީއިން އިއުތިރާފުވީ ނަމަވެސް، އަދާ ޖެހެންދެންވެސް އޭނާގެ ހަށިގަނޑަށް ވީ ގޮތެއް ސައުދީއަށް ބުނެދެވިފައެއް ނުވެއެވެ.

އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލެވުނުއިރު އޭނާ މަސައްކަތްކުރަމުންދިޔައީ އެމެރިކާގެ ދުވަހު ނޫސް އިދާރާއެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުގެ ކޮލަމިސްޓެއްގެ ގޮތުގައެވެ.