ދިރިއުޅުމުގެ ކަންނެތް އާދަތަށް ދޫކޮށްލައި ހަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްތައް މި އަހަރު ބޮޑަށް އަމާޒުކުރެވިގެންދާނީ، [އިބްތިދާއީ ސިއްހީ ހިދުމަތް] ފުޅާކުރުމުގެ މައްޗަށް ކަމަށެވެ. އެއީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ކަންތައްތައް ހަމަހަމަކަމާއެކު އެންމެންނަށް ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ވަކި ޖިންސަކަށް، އުމުރަކަށް، ނަސްލަކަށް، ނުވަތަ އެ މީހަކު ނިސްބަތްވާ ތަނަކަށް ބަލައިގެން ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެއ ިތުރުން ރައީސް ސޯލިހް ވިދާޅުވީ މުޅި ދުނިޔެވެސް މިއަދު ގަބޫލުކުރާގޮތުގައި، ފުރިހަމަ ސިއްހީ ހިދުމަތަކީ، އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ލިބެންޖެހޭނެ އިންސާނީ ހައްގެއް ކަމަށެވެ.. މިއީ ރާއްޖޭގައި މާކުރިއްސުރެ ގަބޫލުކޮށް ނަގަހައްޓަމުން އައި އަސާސެއް ކަމަށް ރައީސް ފާހަގަކުރެެއްވިއެވެ. އެހެންކަމުން އިބްތިދާއީ ސިއްހީ ހިދުމަތްތަކުގެ ތެރެއިން ގިނަ ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ މުޅިން ހިލޭ ކަމަށާއި، އޭގެެތެރެއިން މައިންނާއި ޅަދަރީންނަށް ބޭނުންވާ ވެކްސިން ދިނުމާއި، މާބަނޑު ދުވަސްވަރުގެ ފަރުވާތައް ދެމުން އައީ މުޅިން ހިލޭކަން ރައީސް ވިދާޅުވިއެވެ.

ޑޮކްޓަރަށް ދެއްކުމާއި ބޭސް ބޭނުންކުރުމަކީ ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ތެރޭގައި ހިމެނޭ، އެންމެފަހު ކަންތައް ކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ރަނގަޅު ސިއްހީ ނިޒާމެއްގެ އެންމެ ފުރަތަމަ މަރުހަލާއަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ކަމަށެވެ. އެކަން ހާސިލުކުރެވޭނީ އާންމު ސިއްހަތާމެދު އަދި އެއިރެއްގައި ފެތުރެމުންދާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބޮޑެތި ބަލިބައްޔަށް ފަރުވާކުރުމަށްޓަކައި ސަލާންޖެހުން ހުއްޓުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ސިއްހީ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި މި ސަރުކާރުން އަމާޒު ހިފާފައިވަނީ، ސިއްހީ ފަރުވާގެ ނިޒާމު ލާމަރުކަޒީކޮށް އެމީހަކު ދިރިއުޅޭ ރަށަކުން އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދިނުން ކަމަށާއި އެގޮތުން މިހާރުވަނީ، ސިއްހީ ހިދުމަތްދޭ، ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގަޔަކުން ގުޅައިލެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.