އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ވީ އެންމެ އަވަހަކަށް އިންތިހާބުގެ ނަތީޖާ ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ޝަަރީފް ވިދާޅުވީ މި އިންތިހާބަކީ މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ އިންތިހާބު ކަމަށެވެ. އަދި ކުރީގެ އިންތިހާބުތަކާއި އަޅާބަލާއިރު، މި އިންތިހާބުގައި ޓާންއައުޓް ގިނަކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264.442 މީހުންނަށް ލިބިގެންވާ އިރު، ވޯޓުލި މީހުންގެ އަދަދު 212،079 އަށް އަރައެވެ.

އިއްޔެ ނިމުނު މަޖިލިސް އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރިއެވެ. މި އިންތިހާބުގައި 501 ވޯޓު ފޮށްޓެއް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބެހެއްޓިއިރު، މާލޭގައި ބެހެއްޓީ 144 ވޯޓުފޮށްޓެވެ. އަދި އަތޮޅު ތެރޭގައި 307 ފޮށި ބެހެއްޓި އިރު ރާއްޖޭން ބޭރުގައި ބެހެއްޓީ އަށް ވޯޓު ފޮށްޓެވެ. ހުރިހާ ވޯޓުފޮށިތަކުގެ ތެރެއިން ނަތީޖާ ލިބުނު ވޯޓު ފޮށީގެ އަދަދު މިހާރު 420 އަރައެވެ.