ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފިއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކޮށް ދިވެހިން އިހުތިޔާރުކުރީ ވާދަވެރި ސިޔާސީ ޕާޓީތަކެއް ހިމެނޭ ނިޒާމެއް ކަމަށެވެ. އަދި މިއީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ޖާގަދޭ ނިޒާމެއް ކަމަށާއި، އެ ނިޒާމަށް އެންމެންވެސް ބޯލަނބާ ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ގައުމު ބައިބައިވެ ފަސާދަވުމަށް ފުރުސަތު ނުދެއްވުމަށް މިނިސްޓަރު އިލްްތިމާސް ކުރެއްވިއެވެ.
"ތާރީހުން އިބްރަތް ހާސިލްކޮށް އަޅުގަނޑުމެން އެންމެން މިއަދު އަޒުމް ކަނޑައަޅަން ޖެހޭ ގައުމީ މަސްލަހަތަށް ބުރޫއަރާފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމާއި ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލުމަށް ޖާގަ ނުދިނުމަށް" މިނިސްޓަރު ވިދާޅުވިއެވެ.
އަލިރަސްގެފާނުގެ ގުރުބާނީގެ ހަނދާން އާކުރައްވާ މިނިސްޓަރު ވިދާޅުވީ އަލިރަސްގެފާނު ޝަހީދުވި ހިތާމަވެރި ހާދިސާއަކީ އިބުރަތުން ފުރިގެންވާ ފިލާވަޅެއް ކަމަށެވެ. އަދި އަމިއްލަ އެދުންތަކުން ފޯވެފައިވާ ފަރާތްތަކެއް އޭރުވެސް މި ގައުމުގައި ތިބިކަން ތާރީހުން ބުނެދޭ ކަމަށާއި، ތާރީހުން އިނގޭގޮތުގައި އަލިރަސްގެފާނު ޝަހީދުވެގެން ދިޔުމުގައި މެދުވެރިވި ކަންތައްތަކަށް ބަލާއިރު، ދެންނެވެން އޮތީ ދިވެހި ރައްޔިތުންގެ މެދުގައި ހަގީގަތާއި ހިލާފް ހަބަރުތައް ފެތުރުމުން ކަމަށެވެ.
"ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނައިދީފައިވާ، އައްޔަސް އަނދިރިއަސް ވާނީ އެއްވަރުކަމަށް ބުނެ ދިވެހިންގެ ބަޔަކު ފެތުރި ދޮގު ވާހަކަތައް ބަޔަކަށް ގަބޫލުކުރެވުމުގެ ނަތީޖާއަކަށްވީ ދިވެހިންގެ ބަޔަކު ގައުމަށް ހިޔާނާތްތެރިވުން. އަދި އެހެންމެ ކީރިތި މަހާރަދުންނަށް އޮޅުވާލައި، ދޮގު ދަންނަވައިގެން އަމާން ދެއްވުމަށް މަޖުބޫރު ކުރުވުން" ތާރީހުގެ ތެރެއިން ކަން ހިނގައިދިޔަގޮތް ކިޔައި ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ކަމުގެ ހަގީގަތް އެނގިވަޑައިގެންނެވުމުން، އަލިރަސްގެފާނު ނިންމެވީ ގިނިކަންޏާ ނަމަވެސް ދީނާއި ވަތަނުގެ ހައްގުގައި ދުޝްމަނުންނާ ކުރިމަތިލައްވަން ކަމަށާއި، އެ ހަނގުރާމައިގައި އެ ރަދުންނާއި، އެ ރަދުންގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުން ޝަހީދުވެވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.