އިންޓްރަސްޓް ރޭޓް ކުޑަކުރުމަށް ގޮވާލައްވާ، އެމެރިކާގެ ރައިސް ޑޮނާލްޑް ޓްރަމްޕް، އެގައުމުގެ މަރުކަޒީ ބޭންކަށް، ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.

އިގުތިސޯދީ ކުރިއެރުމުގެ ނަޒަރިއްޔާއަކުން ބަލާއިރު، އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައި ނުވަނީ މަރުކަޒީ ބޭންކުން ހުރަސްތަކެއް އަޅަމުންދާތީ ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިގުތިސޯދުގެ މަގާމުގައި އޮތް އެމެރިކާގެ އިގުތިސޯދުގައި 'އިންފްލޭޝަން' ނުވަތަ ތަކެތީގެ އަގު އާދަޔާ ހިލާފަށް އުފުލިގެން ދިއުމުގެ މައްސަލަ ނޫޅޭކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން މަރުކަޒީ ބޭންކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމެރިކާގެ ވަޒީފާގެ ބާޒާރު ހެޔޮފާލަކަށް އެޅެމުންދާ ކަމަށް އެގައުމުގެ ވަޒީފާގެ މަސްރަހާ ބެހޭ ތަފާސް ހިސާބުތަކުން ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިއަހަރުގެ ފެބުރުވަރީ މަހު 33000 ވަޒީފާގެ ފުރުސަތު އެމެރިކާގެ ކުންފުނިތަކުން ހުޅުވާލިއިރު، މާޗްމަހު ހުޅުވާލި ފުރުސަތުތަކުގެ އަދަދު 196000 އަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމެރިކާގެ މަރުކަޒީ ބޭންކުގެ ޗެއާމަން ކަމާ ޖެރޯމް ޕަވެލް މިދިޔަ އަހަރުގެ ފެބުރުވަރީ މަހު ހަވާލުވެވަޑައިގެންނެވި ފަހުން، އެ ބޭންކުން ވަނީ 4 ފަހަރެއްގެ މަތިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފައެވެ. ޕަވެލްއަކީ ޓްރަމްޕް އައްޔަން ކުރެއްވި ބޭފުޅެއް ނަމަވެސް، އިންޓްރެސްޓް ރޭޓްގެ މައްސަލާގައި ޓްރަމްޕް ގެންދަވަނީ ޕަވެލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އިގުތިސޯދީ ހަރަކާތްތައް ކުރިއަށް ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއަހަރުގެ ތެރޭގައި އަދި ދެފަހަރެއްގެ މަތިން އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކުރުން އެކަށީގެންވެއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުގެ ގޮތުގައި އޮތް އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑު ކުރުމާއެކު، ކުރިއަރަމުން އަންނަ އިގުތިސޯދުތަކަށް އެކަމުގެ އަސަރު ކުރެއެވެ. އެގޮތުން ދިފާއީ ފިޔަވަޅެއްގެ ގޮތުގައި، މެލޭޝިއާ އިންޑޮނޭޝިއާ އަދި ހޮންގްކޮންގް ފަދަ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކަށްވެސް އިންޓްރެސްޓް ރޭޓް ބޮޑު ކުރަން މަޖުބޫރުވެއެވެ.