އިންޑޮނޭޝިއާއާއި އިތިއޮޕިއާގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާތަކާ ގުޅިގެން، 737 މޮޑެލްގެ ބޯޓުތައް އުފެއްދުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ބޮއިންގް ކުންފުނިން ނިންމައިފިއެވެ.

737 ގެ މަތިންދާ ބޯޓުތަކަކީ ވައިގެ އުދުހުންތަކުގެ ސިނާއަތުގައި އެންމެ ޑިމާންޑު ބޮޑު އެއް މޮޑެލް ކަމުގައި ވީނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑޮނޭޝިއާގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާއި މިދިޔަ މަހު ހިނގި އިތިއޮޕިއަން އެއާލައިންސްގެ ހާދިސާގައިވެސް ވެއްޓިފައިވަނީ ބޮއިންގް 737 މެކްސް މޮޑެލްގެ މަތިންދާބޯޓު ކަމުން، ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ބޮއިންގްއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނިން މިހާތަނަށް މަހެއްގެ މައްޗަށް 52 ބޯޓު އުފައްދަމުން އައި ކަމުގައި ވީ ނަމަވެސް، މި ހިނގާ އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން މަހެއްގެ މައްޗަށް ދެން އުފައްދާނީ 42 މަތިންދާބޯޓު ކަމަށެވެ.

އިންޑޮނޭޝިއާގެ ލަޔަން އެއާ ފްލައިޓް ވެއްޓުމާ، އިތިއޮޕިއަން އެއާލައިންސްގެ ފްލައިޓް ވެއްޓުނު ހާދިސާއާއި ގުޅިގެން ބޮއިންގް 737 މެކްސް މޮޑެލްގެ ހުރިހާ ބޯޓެއް ގްރައުންޑް ކުރުމަށް ބޮއިންގް ކުންފުނިން ވަނީ އަންގާފައެވެ. މި ދެހާދިސާގައިވެސް އެއް ގޮތް ކަންތައްތަކެއް ހުރިއިރު، މައިގަނޑު އެއް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޯޓުގެ އެންޓި-ސްޓޯލިންގް ސިސްޓަމަށް ކުރިމަތި މައްސަލަތަކެވެ. ބޮއިންގް ކުންފުނިން މިހާރުވެސް ދަނީ މިކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ލަޔަން އެއާ ފްލައިޓް 610 އާއި އިތިއިޕިއަން އެއާލައިންސް ފްލައިޓް އީޓީ 302 ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 346އަށް އަރައެވެ. 5 މަސްދުވަހުގެ ތެރޭގައި ހިނގި މި ދެހާދިސާއަކީ ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގި މިފަދަ އެންމެ ހިތާމަވެރި 2 ހާދިސާއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ މާޗް 7 ވަނަ ދުވަހު ވީނުވީއެއް ނޭނގި މެލޭޝިއަން އެއާލައިންސް ފްލައިޓް އެމްއެޗް370 ގެއްލުނު ހާދިސާއަކީ މުޅި ވައިގެ އުދުހުންތަކުގެ ތާރީހު ހައިރާން ކުރުވި ހާދިސާގެ ގޮތުގައި އަދިވެސް ވަނީ ރެކޯޑްކުރެވިފައެވެ. އެއީ ބޮއިންގް 777 މޮޑެލްގެ މަތިންދާބޯޓެކެވެ.