ހެޕީ މާކެޓް ކައިރީ ވަޅި ހިފައިގެން ބަޔަކު ތިބިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ހެލްމެޓް އަޅައިގެން އެތާ ތިބި ދެމީހަކު ސައިކަލެއްގައި ދާން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ވެއްޖެއެވެ.

އެކްސިޑެންޓް ވި ވަގުތު އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ދެވަނަ މީހާ ފިލަން ދުވަނި ކޮށް ފަހަތުން ގޮސް އައިޖީއެމްއެޗް ކެންޓީން ކައިރިން، އަތުލައިގެންފައި ވާކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ކަން ހިނގާފައި ވަނީ ރޭ 22:44 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށެވެ.

އެ ދެމީހުންގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހައި ދީފައި ވާކަމަށާއި، އެކްސިޑެންޓްވި އިރު ދެމީހުން ދުއްވި ސައިކަލު ޓޯ ކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.