މި އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ގައި ފުލުހުންގެ ގެ ފަރާތުން ކުރިއަށް ގެންދާ 'އޮޕްރޭޝަން ބްލޫޓައިޑް' ގައި ބައިވެރިވާ ފުލުހުން ތިބީ ތައްޔާރަށް ކަމަށް ޕޮލިސް ކަމިޝަނާ މުހައްމަދު ހަމީދު ވިދާޅު ވެއްޖެއެވެ.

މިއަދު ޕޮލިސް ކަމިޝަނާ މުހައްމަދު ހަމީދު، މި އޮޕްރޭޝަން ގައި ބައިވެރިވާ 2220 ފުލުހުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައި ވެއެވެ. މި ކަމާ ގުޅިގެން ކަމިޝަނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްކާތެރި އަމާން އިންތިހާބެއް ފުލުހުންގެ ފަރާތުން ކަށަވަރު ކޮށްދިނުމަށް ފުލުހުން ތައްޔާރަށް ތިބި ކަމަށެވެ.

މި އަހަރުގެ އިންތިހާބުގައި، ވޯޓުލުމަށް ޖުމްލަ 501 ފޮށި ބަހައްޓާނެއެވެ. އެގޮތުން، އަތޮޅުތެރޭގެ ރަށްރަށުގައި 304 ވޯޓު ފޮށި ބަހައްޓާ އިރު، މާލޭގައި 144 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ރިސޯޓުތަކުގައާއި، ސިނާއީ ސަރަހައްދު ތަކުގައާއި، ޖަލުތަކުގައި ޖުމްލަ 42 ވޯޓު ފޮށި ބަހައްޓާނެއެވެ. މި ފަހަރުގެ އިންތިހާބަށް ވޯޓުލުމަށް ރާއްޖެއިން ބޭރުގައި ބަހައްޓާނީ 8 ވޯޓު ފޮށްޓެވެ.