އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރިޝްވަތު ދޭކަމުގެ ޝަކުވާތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބެމުން ދިއުމާއި ގުޅިގެން ރިޝްވަތަށް ފާރަވެރިވުމަށާއި ރިޝްވަތު ދިނުން ހުއްޓުވުމަށް އެ ކޮމިޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވާނީ އިންތިހާބާ ގުޅިގެން ހިނގާފާނެ ރިޝްވަތުގެ އަމަލަކަށް ފާރަވެރިވުމުގެ ގޮތުން އަދި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އެ ކޮމިޝަނުން ފުޅާ ދާއިރާއެއްގައި ހޭތުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ.
ރިޝްވަތު ދިނުން ނުވަތަ ވޯޓަށް އަސަރު ކުރާނެ ފަދަގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ކުރާނަމަ ނުވަތަ ކުރަން އުޅޭ ކަމުގެ ނުވަތަ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެކަަން ލަސް ނުކޮށް އޭސީސީއަށް ރިޕޯޓް ކޮށްދިނުމަށް އެ ކޮމިޝަނުން އެދިފައިވެއެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުން ނުވަތަ ހޯދައި ދިނުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުން އަދި އަމިއްލަ ފައިދާ ލިބޭގޮތަށް ދައުލަތުގެ ތަކެތި ބޭނުން ކުރުންވެސް ކޮރަޕްޝަނުގެ އަމަލެއްގެ ގޮތުގައި ހިމެނޭނެ ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން ގާނޫނު ނަންބަރު 11/2008 (އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނު) ގެ ދަށުން އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއް ބޭނުމް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެއެވެ. އެގޮތުން އިންތިހާބު ތަކާއި ގުޅިގެން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރިޝްވަތަކަށް ވާގޮތުން އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކަށް ހުށަހަޅައިފިނަމަ، އެ މައުލޫމާތު އޭސީސީއަށް އެންގުން ކަމަށް އެކޮމިޝަނުން ބުނެއެވެ.