ފާއިތުވި ހަތް އަހަރުތެރޭ ހަގީގަތް ހާމަ ކުރަން ބޭނުންވި ނޫސްވެރިޔަކު ވިއްޔާ އޮތީ ޖަލުގައި ކަމަށާއި، އެހެން ނޫން ނަމަ އެ ނޫސްވެރިޔަކު ވަނީ ވީނުވީ އެއް ނޭނގި ގެއްލިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެއެވެ.

ދ. މީދޫގައި އޮތް އެމްޑީޕީގެ މަޖިލިސް ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ އަހަރު ތަކުގައި ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށާއި، ނޫސްވެރިކަން އޮތީ އޮބަހައްޓަފައި ކަމަށެވެ. އަދި ސަރުކާރާ ދޭތެރޭ ކަންބޮޑުވެގެން ހިޔާލެއް ފާޅުކުރާ ނޫސްވެރިޔަކު ވިއްޔާ އޮތީ ޖަލުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގަ ހައްޔަރު ކުރެވިފަ. ނޫސް ވެރިކަން އޮތީ އޮބަހައްޓާފަ. ސަރުކާރާ ދޭތެރޭގައި ކަންބޮޑުވެގެން ހިޔާލެއް ފާޅު ކުރާ ނޫސްވެރިޔަކު ވެއްޖިއްޔާ އަދި ހަގީގަތް ހާމަ ކިރަން ބޭނުންވާ ނޫސްވެރިޔަކު ވެއްޖިއްޔާ އޮންނަން ޖެހުނީ ޖަލުގަ. ނޫނިއްޔާ އެމީހަކު ވަނީ ގެއްލިފަ ވީނުވީ އެއް ނޭނގި" ރައީސް ސޯލިހު ވިދާޅުވިއެވެ.

އަދި ވޭތިވެ ދިޔަ އަހަރުތަކުގައި، ވެރިރަށް މާލޭގައި މާރާމާރީއާ މީހުން މެރުން އޮތީ އަންމުވެފައި ކަމަށާއި، ޑްރަގްގެ ވަބާ އިންތިހާއަށް ރާއްޖޭގައި ފެތުރިފައި ވާކަމަށް ވެސް މިއަދު ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވާއިރު، މަރުގެ އިންޒާރު ތަކަށް ފަހު، "މިނިވަން ނޫހުގެ" ނޫސް ވެރިޔާ އަހްމަދު ރިޟްވާން 2014 ވަނަ އަހަރުތެރޭ ވަނީ ގެއްލުވާލާފައެވެ. ރިޟްވާނު ދުނިޔޭގައި ހުރި ކަމެއް ނުވަތަ ނޫންކަމެއްވެސް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ. އޭގެއިތުރުން 2017 ވަނަ އަހަރު ރޟްވާންގެ ގާތް އެކުވެރިޔާ، އަދި ބްލޮގަރު ޔާމީން ރަޝީދު ވަނީ މަރާލާފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޝަނެއް ރައީސް ސޯލިހް މިހާރު ވަނީ އުފައްދަވާފައެވެ.

މިއަދު ރައީސް ވިދާޅުވީ ފާއިތުވެ ދިޔަ ހަތް އަހަރު ތެރޭ، ރާއްޖޭގެ ހާލަތު އޮތް ގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭ ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ އޭރު އޮތް ސަރުކާރާ ދޭތެރޭ ހިތްހަމަ ނުޖެހި ބަދަލު ތަކެއް ގެންނަން ބޭނުން ވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން މި ސަރުކާރާ ދޭތެރޭ އުންމީދު ތަކެއް ކުރައްވާފައިވާ ކަމަށާއި މިއަދު ރައްޔިތުންގެ އުންމީދު އާވެއްޖެ ކަމަށާއި، އަދި ޑިމޮކްރަސީ ރާއްޖެއަށް ގެނެވޭނެ ކަމުގެ އުންމީދު ރައްޔިތުން ކުރަންފަށާފައި ވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެ އުންމީދުތައް ހަގީގަތަކަށް ހެދުމުގެ މަގު ތަނަވަސް ކޮށްދޭނެ އެއް ކަމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.