ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބިޑް ކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއެކު ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ އަގުތައް 50 ޕަސެންޓަށް ކުޑަވެގެން ދިޔަތަން ފެންނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 70 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިހާރު ހަމަ އެފަދަ މަޝޫރޫތައް ހުށަހަޅަނީ 27 މިލިއަން ރުފިޔާއަށް ކަމަށެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ހިޔާލު ބައިވެރި ކުރެވޭނެ ގޮތްތަކެއް ހޯދައި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ދެފުށް ފެންނަ އަދި ވާދަވެރި އުސޫލުތަކެއްގެ މަތިން އަމަލު ކުރެވޭނެ ގޮތްތަކެއް ފަހި ކޮށްދެއްވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.
މިގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ސަރުކާރުންވަނީ ބިޑްކުރުމުގެ ދައުވާތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު ކަނޑައަޅާ އެއަށް އަމަލު ކުރަން ފަށާފައެވެ. މި އުސޫލުގެ ދަށުން ހާމަކުރާ މައުލޫމާތުގެ ތެރޭގައި، ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި، ހުށަހަޅާފައިވާ ޕްރޮޕޯޒަލްގެ ސްކޯޕް ހިމެނޭނެއެވެ.
މިއަހަރުގެ ބަޖެޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދު ކުރެވިފައެވެ. އެއާއެކު ދައުލަތުން އަލަށް ފަށަން ހަމަޖައްސާފައިވާ ގިނަ މަޝްރޫތަކެއް މިހާރު ވަނީ އިއުލާންކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް މަޝްރޫތައް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.