މައްސޫލިއްޔަތާ ވާޖިބުތައް އަދާކޮށް ހުރިހާ މަސައްކަތެއް ކޮށް ނިންމާލެވިފައިވާކަމަށް ނުދަންނަވާނެ ކަމަށާ، ކޮންގްރެސް ޕާޓީއަށް 70 އަހަރުން ނުވި ކަމެއް އެންމެ 5 އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނު އަދާކޮށް ފުރިހަމަ ކުރައްވާނީ ކިހިނަކުންތޯ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ސުވާލު ކުރައްވައިފިއެވެ.
ކުރިއަށް އޮތް އާންމު އިންތިހާބަށް ހާއްސަކުރައްވައިގެން ބިހާރުގައި ކުރިއަށް ގެންދެވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ފާއިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށާ، އިތުރަށް ކަންކަން ފުރިހަމަކޮށްދިނުމަށްޓަކައި އަދި އިތުރު 5 އަހަރު ދުވަސް ބޭނުންފުޅުވާކަމަށެވެ.
މޯދީގެ ތަގުރީރުގެ ބޮޑު ބައި އަމާޒުކުރައްވާފައި އޮތީ އިދިކޮޅު ކޮންގްރެސް ޕާޓީއަށް ފާޑުވިދާޅުވުމަށެވެ. އެގޮތުން ކޮންގްރެސް ޕާޓީއާއި އެ ޕާޓީއާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި އިންޑިއާގެ ސަރުކާރު އޮތީ ފަހަތު ގިއަރަށް ޖަހާފައިކަމަށް ވިދާޅުވެ، މޯދީވަނީ ހަޖޫ ޖައްސަވާފައެވެ.
ކޮންގްރެސްގެ ވެރިކަމުގައި ކުރިއަރާ ދިޔައީ ޓެރަރިޒަމްއާއި، އަގުތަކާ، ހަމަނުޖެހުންތަކާ، ކޮރަޕްޝަނާ، ކަޅުފައިސާކަމަށާ، ގައުމުގެ ކުރިއެރުމާ، ތެދުވެރިކަމަށް އޮތް އިހުތިރާމާ ގައުމުގު އަގު ދިޔައީ ދަށްވެ، ވެއްޓެމުން ކަމަށްވެސް މޯދީ ވަނީ ސިފަކުރައްވާފައެވެ.
ކޮންގްރެސް ޕާޓީއާއި ނެހްރޫ ގާންދީ އާއިލާގެ މެމްބަރުން ކުރައްވާ ހަމައެކަނި ކަމަކީ އިންޑިއާގެ ގާނޫނު އަސާސީ މުގުރާލުން ކަމަށް ވިދާޅުވެ، މޯދީ ވަނީ އިދިކޮޅު ފަރާތްތަކަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.
މޯދީގެ ވާހަކަފުޅު މިފަދަ ރޫހެއްގައި ހުރިއިރު، ބިހާރުގެ ސިޔާސީ ފަރާތްތަކުން ވަނީ މޯދީއާއި ދެކޮޅަށް އަޑުއުފުލާފައެވެ. އެގޮތުން ބިހާރު އިންތިޒާރުކޮށްގެން އޮތީ މޯދީގެ ވެރިކަމެއް ބިހާރަށް ލިބިގެންދާނެ ކުރިއެރުންތަކުގެ ވާހަކަތައް އަޑުއެހުމަށް ކަމަށާ، ނަމަވެސް އޭގެ ބަދަލުގައި އަޑުއިވިގެންދިޔައީ އެއްވެސް މާނައެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ މޯދީއަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.
އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުއެވެ.