ދުރާލާ ރާވައިގެން އިހާނެތި ގޮތަކަށް މަރާލާފައިވާ ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ 4 ދަރިންނަށް، ސައުދީ އަރަބިއްޔާއިން އަގުބޮޑު "ހަދިޔާ"ތަކެއް، ބައްޕަގެ މަރުގެ ބަދަލެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.
ސައުދީގެ އަރަބިއްޔާގެ ޝާހީ އާއިލާއާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް ހުޅަނގުގެ މީޑިއާގައި ލިޔުންތައް ޝާއިއު ކުރަމުންދިޔަ ޖަމާލް ޚަޝޯގީ މަރާލާފައިވަނީ، ވަރި ކައިވެންޏާ ގުޅުންހުރި ލިޔެކިއުންތަކެއް ހަމަޖައްސުމަށްޓަކައި، ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ވަތް ތަނުންނެވެ.
ވޮޝިންގްޓަން ޕޯސްޓުން އާންމުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި ސައުދީ އަރަބިއްޔާއިންވަނީ ޚަޝޯގީގެ ދަރިންނަށް އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ގެތަކެއް ހަދިޔާކޮށްފައެވެ. މީގެ އިތުރުން ކޮންމެ މަހަކުވެސް 10000 ޑޮލަރަށްވުރެ އިތުރު އަދަދެއްގެ ފައިސާ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށް ވޮޝިންގްޓަން ޕޯސްޓުން ވަނީ ރިޕޯޓުކޮށްފައެވެ.
2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޚަޝޯގީ މަރާލިއިރު އޭނާ މަސައްކަތް ކުރަމުންދަނީ ވޮޝިންގްޓަން ޕޯސްޓުގެ ކޮލަމިސްޓެއްގެ ގޮތުގައެވެ.
ޚަޝޯގީގެ ދަރިންނަށް ސައުދީއިން އަގުބޮޑު ހަދިޔާތަކެއް ހުށަހަޅަމުންދަނީ އެ ކުދިންގެ ބައްޕަގެ އާދަޔާ ހިލާފު މަރާ ގުޅިގެން ސައުދީއަށް އަމާޒުކުރަމުންދާ ފާޑުކިއުންތަކުގެ އަޑުކަނޑުވާލުމުގެ މަގުސަދުގައި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ތުހުމަތު ކުރެއެވެ.
މީޑިއާގައި ނަންހާމަނުކުރުމަށް އެދި ވާހަކަ ދެއްކި މަސްދަރުތަކަކާ ހަވާލާދީ ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚަޝޯގީގެ މަރާ ގުޅިގެން ދައުވާ ކުރަމުންދާ މީހުންގެ ޝަރިޔަތްތައް ނިމުމާއެކު، ފައިސާގެ އިތުރު ހަދިޔާތަކެއް ޚަޝޯގީގެ ދަރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޚަޝޯގީގެ މަރާ ގުޅިގެން ބަޔަކު ހައްޔަރު، ތަހުގީގާ ޝަރިޔަތް ހިންގަމުންދާ ކަމަށް ސައުދީއިން ބުނާއިރު މިކަމާ ބެހޭ އިތުރުން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޚަޝޯގީ މަރާލާފައިވަނީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް)ގެ އޯޑަރަކަށް ކަމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ތުހުމަތުކުރަމުންދާއިރު، ސައުދީއިން ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. ނަމަވެސް ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ސައުދީ އިން އިއުތިރާފުވެއެވެ. ޚަޝޯގީގެ މަރުގެ މައްސަލައިގެ މިނިވަން ތަހުގީގެއް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުމަށް ސައުދީއިން ހުރަސް އަޅަމުންދާއިރު، އަދާ ޖެހެންދެންވެސް ޚަޝޯގީގެ ހަށިގަނޑު ނުވަތަ ހަށިގަނޑުން ބައެއްވެސް ފެނިފައެއް ނުވެއެވެ.
ޚަޝޯގީގެ ދަރިންނަށް ދެމުންދާ "ހަދިޔާ"ތަކާ ގުޅިގެން ސައުދީގެ އޮފިޝަލަކު ވިދާޅުވީ އެއީ އެގައުމުގެ ސަގާފަތާ ގުޅިފައިވާކަމެއް ކަމަށާ، އެއީ އެއްވެސް ހާލެއްގައި އާއިލާގެ އަނގަބަންދު ކުރުމަށް ދޭ ރިސްވަތެއް ނޫންކަމަށެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނާ ގޮތުގައި ޚަޝޯގީގެ 4 ދަރިންނަށް ގެދޮރު ގަނެދީފައިވަނީ ޖިއްދާއިންނެވެ. މިއިން ގެއެއްގެ އަގު 4 މިލިއަން ޑޮލަރަށް އަރައެވެ. ޚަޝޯގީގެ ދަރިންގެ ތެރެއިން ސަލާހް ޚަޝޯގީ ދިރިއުޅެނީ ސައުދީ އަރަބިއްޔާގައެވެ. އަނެއް 3 ދަރިން އެމެރިކާގައި ދިރިއުޅޭއިރު، އެ 3 ކުދިންނަށް ހަދިޔާކުރި ގެތަށް ވިއްކާލަން ހަމަޖެހިފައިވާކަމަށްވެސް ވޮޝިންގްޓަން ޕޯސްޓުން ވަނީ ރިޕޯޓްކޮށްފައެވެ.