ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިފަހަރު ގެޔަށް ބަދަލުކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މިއީ އަދީބު ގެޔަށް ބަދަލުކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އަދީބު ގެޔަށް ބަދަލުކޮފައި ވަނީ އަމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. އަދި ގެޔަށް ބަދަލު ކުރީ ކަރެކްޝަންސްއިން ވަކި ޝަރުތުތަކެއް ކަނޑައެޅުމަށް ފަހުގައެވެ. ނަމަވެސް އެކަންކަމާ ހިލާފުވެފައި ވާކަމަށް ބުނެ އަދީބު ފަހުން ޖަލަށް ގެންދިޔައެވެ.

އަދީބު ގޭބަންދަަށް ބަދަލުކުރުމާ ގުޅޭގޮތުން ކަރެކްޝަންސް އިން ބުނީ، އެގޮތަށް ނިންމީ ވަކި ފަރާތެއްގެ ނުފޫޒެއް ނުވަތަ އިރުޝާދެއް އޮވެގެން ނޫން ކަމަށާއި، އެއީ ކަރެކްޝަންގެ ނިންމުމެއް ކަމަށެވެ.

"އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި ހުރީ މުއްދަތެއް ނެތް ގޮތަށް. އެކަން ކުރީ ކަރެކްޝަންސްއަށް ލިބޭ ބާރުގެ ދަށުން" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް ވިދާޅުވިއެވެ.

އަދީބު ގެޔަށް މިފަހަރު ބަދަލު ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ޖަލުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ގޮސްވެގެން އަދީބު ފުރަތަމަ އައިޖީއެމްއެޗަށް ގެންގޮސް އެޑްމިޓްކޮށް ފަރުވާ ދީފައި ވަނީ މިިދިޔަ އަަހަރުގެ ފަހުކޮޅުއެވެ. މިއީ އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަން ފެށި ފަހުން ސިއްހީ ފަރުވާއެއް ރަނގަޅަށް ލިބިވަަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް އާއިލާއިން ބުނެފައިވެއެވެ. އަދީބު އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވި އޮޕަރޭޝަނެއް ވެސް ކޮށްފައި ވެއެވެ.

އެފަހުން އަދީބު ގޭ ބަންދަށް ޝަރުތުތަކާއެކު ބަދަލުކުރި ނަމަވެސް، ކަރެކްޝަންސް އިން ކުރި ޝަރުތަކާއި ހިލާފު ވެވަޑައިގެންފި ކަމަށް ބުނެ އަނބުރާ ޖަލަށް ގެންދިޔައީވެެ. ނަމަވެސް ޖަލަށް ގެންދިޔަ ފަހުން އަނެއްކާވެސް ހާލުކޮޅު ގޯސްވެގެން މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އައިޖިއެމްއެޗްގައި އެޑްމިޓް ކޮށް ފަރުވާ ދީފައި ވެއެވެ.

އަދި އަދީބުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އަދީބުގެ ހާލުކޮޅަށް ރިއާޔަތްކޮށް ކޯޓުން ވަކިގޮތެއް އަންގަންދެން ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން އަމުރު ކުރިއެވެ. ނަަމަވެސް މި މައްސަލަ ހޯމް މިނިސްޓްރީން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެ ކޯޓުން ވަކި ގޮތެއް އަންގަންދެން ހައިކޯޓުގެ އަމުރު ތަންފީޒު ކުރުން ވަގުތީގޮތުން ފަސްކުރުމަށާ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.