އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި އެޗް.ޑީ ވޮއިސްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

އެ ކުންފުނިން މިއަދު ތައާރަފްކުރި އެޗް.ޑީ ވޮއިސްގެ ހިދުމަތަކީ "ވޮއިސް އޮވާ އެލް.ޓީ.އީ" ނުވަތަ "ވީ.އޯ.އެލް.ޓީ.އީ"ގެ ހިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ، ބައިނަލްއަގްވާމީ މުވާސަލާތީ ދާއިރާގެ ފަހުގެ ކުރިއެރުމެކެވެ.

އުރީދޫގެ 4ޖީ ޕްލަސް ވިއުގަ ބޭނުންކޮށްގެން ގުޅާދަލޭ އެޗް.ޑީ ވޮއިސްގެ ހިދުމަތުގެ ފެންވަރު ރަގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އުރީދޫން ބުނެއެވެ. އޭގެތެރޭގައި 4ޖީ ޕްލަސް ނެޓްވާކުގެ އެހީގައި ކޯލުގެ ފެންވަރު ރަނގަޅުވެ އަޑު ސާފުވުމާއި، ކޯލު ގުޅާލުމަށް ދާ ވަގުތު ކުޑަވެ ދެތިން ސިކުންތުކޮޅެއް ތެރޭގައި ކޯލް ކަނެކްޓުވުން ހިމެނެއެވެ. އަދި ފޯނު ކޯލެއްގެ މެދުތެރޭގައި ވެސް، 4ޖީ ޕްލަސް ޑޭޓާ ބޭނުން ކުރެވުމުގެ އިތުރުން ޓްރެޑިޝަނަލް ކޯލުތަކާއި އެޗް.ޑީ.ވޮއިސް އަޅާ ބަލާއިރު މި ހިދުމަތް ބޭނުންކުރުމަށް ބޭނުންވާ ޗާޖު މަދުވުމާއި ފޯނުގެ ބެޓަރީ ލައިފް އިތުރުވެގެންދިއުން ފާހަގަ ކޮށްލެވެއެވެ.

އުރީދޫ އިން އެޗް.ޑީ ވޮއިސްގެ ހިދުމަތަށް އެއްވެސް އިތުރު އަގެއް ނުނަގައެވެ. ހަމައެހެންމެ، މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އުރީދޫގެ 4ޖީ ނެޓްވާކް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް، ވީ.އޯ.އެލް.ޓީ.އީގެ ހިދުމަތް ލިބޭ ސްމާޓް ފޯނުތައް މެދުވެރިކޮށް، އެޗް.ޑީ ވޮއިސް ބޭނުންކުރެވޭނެއެވެ.

އުރީދޫއަކީ ޑިޖިޓަލް ދިވެހިރާއްޖެ އަކަށް އެއްބާރުލުންދީ، ދިވެހި މުޖުތަމައު އަށް ފައިދާކުރާ އައު އީޖާދުތައް ތައާރަފްކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ. އެގޮތުން މިދިޔަ މަހު އުރީދޫގެ ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ އިންޓަނެޓް ސްޕީޑް ހަލުވިކޮށްލަދޭ ބޫސްޓާ ދެ ޕެކޭޖެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.