މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ވެބްސައިޓު މެދުވެރިކޮށް ކަސްޓަމަރުންނަށް އޮންލައިންކޮށް ހިދުމަތް ދެވޭގޮތް ހަދައިފިއެވެ.
އެމްޑަބްލިޔުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ތައާރަފްކޮށްދީފައި ވަނީ މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ އެމްޑަބްލިޔުއެސްސީގެ ހިދުމަތް ހޯދަން އެ އޮފީހަށް ނުގޮސްް ގޭގައި ތިބެ އޮންލައިންކޮށް ހިދުމަތްތައް ހޯދަން ކަމަށެވެ.
އޭގެއިތުރުން އަޒީމް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 24 ގަޑިއިރު ރައްޔިތުނަށް ހިދުމަތް ދެވޭނެ ނަންބަރު 105 ތައާރަފުކުރި ފަހުން 90 ޕަސެންޓް ކަސްޓަމަރުންގެ ޝަކުވާ މަދުވެފައިވާ ކަން އާޒިމް ފާހަގަކުރެއްވިއެވެ.
ނަރުދަމާ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަކީ އެކުންފުނިން ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ މިހާރު އެެމްޑަބްލިޔުއެސްސީ އިން ވަނީ ނަރުދަމާ ނެޓްވޯކުގެ މަސައްކަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީއިން ތައާރަފުކުރި ހިދުމަތަކީ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ހިދުމަތަށް ފަސޭހަކަމާއެކު ހުށަހެޅޭނެ ހިދުމަތެކެވެ. ވެބްސައިޓު މެދުވެރިކޮށް ބިލްގެ ޖުމްލަ ބަލައިލުމާއި އޮންލައިންކޮށް ފައިސާ ދެއްކޭނެގޮތާއި ހިދުމަތަށް އެދި ފޯމް ވެސް ހުށަހެޅޭނެއެވެ. އެހެންކަމުން ކަސްޓަމަރުންނަށް ކިއުގައި މަޑުކުރަން ނުޖެހުމާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ޑިޖިޓަލްކޮށް ހިދުމަތް ދިނުމަށް އެމްޑަބްލިއުއެސްސީން ތައާރަފްކުރި މީ ފާހަގަކޮށްލެވޭ ހާއްސަ ހިދުމަތެކެވެ.
1995 ވަނަ އަހަރު އެމްޑަބްލިއުއެސްސީ އުފެދިގެން އައިސްފައިވަނީ 60 މުވައްޒަފުންނާ އެކީގައެވެ. މިހާރު ރާއްޖޭގެ 50 ޕަސެންޓް އާބާދީއަށް އެ ކުންފުނިން ހިދުމަތްދެމުން އަންނަނީ 900 އަށް ވުރެ ގިނަ މުވައްޒަފުންނާ އެކީގައެވެ.