ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ އިތުރުން ޔުނިޓަކުން 12 ލާރީގެ ޑިސްކައުންޓް އެންމެނަށް ލިބޭކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމުގެ ވައުދު ފުރިހަމަ ކުރުމާއި ގުޅިގެން ކަރަންޓުގެ އަގު ހެޔޮ ނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް އާންމުންގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. މި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފެނަކައިގެ ސޭލްސް އެންޑް ބިލިން ޑިޕާޓްމެންޓްގެ ހެޑް އަހްމަދު ނަޖާހްއާ 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ކަރަންޓުގެ އަގު ތަކަށް ބޮޑު ބަދަލެއް ގެނެވިފައި ވާކަމަށެވެ. ކަރަންޓުގެ އަގު ހެޔޮ ކޮށްފައިވީ ނަމަވެސް ކަރަންޓު ބިލް ބޮޑު ވެފައިވާނަމަ އެއީ އަގު ހެޔޮ ނުވާތީ އައި ބަދަލެއް ނޫން ކަމަށް ނަޖާހް ބުންޏެވެ. އޭނާ ބުނީ އަގު ހެޔޮ ކުރިއަސް މީހުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު ވުމުން ކަރަންޓު ބިލް ބޮޑު ވާނެކަމަށެވެ.

ޑޮމެސްޓިކް ކެޓެގަރީގެ އަގުތަކަށް އައި ބަދަލުތައް

ޑޮމެސްޓިކް ކެޓެގަރީގެ އަގުތަކުން އަގު ހެޔޮ ވެފައިވަނީ 400 ޔުނިޓުން މަތީގެ ބޭންޑްތަކުންނެވެ.

  • 400 ޔުނިޓުން 500 ޔުނިޓަށް - ކުރިން: 4.00، މިހާރު: 2.95
  • 500 ޔުނިޓުން 600 ޔުނިޓަށް - ކުރިން: 4.50، މިހާރު: 3.55
  • 600 ޔުނިޓުން މަތީގެ ޔުނިޓުތައް - ކުރިން: 5.50، މިހާރު: 4.25

ބިޒްނަސް ކެޓެގަރީގެ އަގުތަކަށް އައި ބަދަލުތައް

  • 1 ޔުނިޓުން 100 ޔުނިޓަށް - ކުރިން: 4.50، މިހާރު: 3.25
  • 100 ޔުނިޓުން 200 ޔުނިޓަށް - ކުރިން: 5.75، މިހާރު:3.75
  • 200 ޔުނިޓުން 300 ޔުނިޓަށް - ކުރިން: 6.50، މިހާރު: 4.75
  • 300 ޔުނިޓުން މަތީގެ ޔުނިޓުތައް - ކުރިން: 7.50، މިހާރު: 6.00

މި ބަދަލުތަކުގެ އިތުރުން ކޮންމެ ޔުނިޓަކުން 12 ލާރީގެ ޑިސްކައުންޓް ދިނުމުން، ފާގަހަ ކޮށްފައިވާ ބޭންޑް ތަކުން ކަރަންޓުގެ އަގަށް ބަދަލުތަކެއް އައިސްފައިވެއެވެ.

ސަރުކާރުގެ މަސައްކަތުގެ 90 ދުވަސް ފާހަގަކުރަން ފެށުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މާލެ އާއި ރަށްރަށުގެ ކަރަންޓުގެ އަގު ހެޔޮކުރެއްވީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކަރަންޓަށް ގެނައި މި ބަދަލާއެކު ކަރަންޓު އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަގު ނައްތައިލެވި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްގޮތް ވެގެންދާނެ ކަމަށެވެ.

ސަރުކާރުން ކަރަންޓަށް މިބަދަލު ގެނައި އިރު އާންމު މީހާ ބޭނުން ކުރާ ކަރަންޓު އާންމު ކޮށް 400 ޔުނިޓަށް ނާރައެވެ. އެހެން ކަމުން އާންމު މީހާގެ ބިލު ކުޑަވިތަން ފެންނާކަށް ނެތެވެ. އަދި ހުސްވި މަހުގެ ބިލްތައް ހުރީ ބޮޑުވެފައެވެ. އަދި ނިސްބަތުން ބޭނުން ކުރެވިފައި ހުރި ޔުނިޓްވެސް ކުރީ މަސްމަހަށް ވުރެ އިތުރުވެފައި ވާކަންވެސް ފާހަގަ ކުރެވެއެވެ.