މިއަދުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފިއެވެ.

މިއަދުން ފެށިގެން އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރާނެ ކަމަށް ވިދާޅުވެފައިވާތީއެވެ.

އެގޮތުން އެސްޓީއޯއިން ބުނީ، ހަނޑޫ ބަސްތާއެއް 199 ރުފިޔާއަށް، ހަކުރު ބަސްތާއެއް 200 ރުފިޔާއަށް އަދި ގޮދަން ފުށް ބަސްތާއެއް 149 ރުފިޔާއަށް މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބެން ހުންނާނެކަމަށެވެ.

މިގޮތަށް އެސްޓީއޯ އިން ނިންމީ މިދިޔަ މަހު ތެރޭގައި، ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅާއެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް ތަފާތުކުރުމެއް ނެތި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށެވެ. އަދި ނާލާއި މަޖޫރީ ފީ އެސްޓީއޯ އިން ދޭ ގޮތަށް ނިންމާފައިވާއިރު، ކާޑު ވިއްކާނީ އެސްޓީއޯ އިން ކަނޑައަޅާ އެޖެންޓުންތަކެއް މެދުވެރިކޮށް ކަމަށްވެސް އެކުންފުނިން ބުނެއެވެ. އެސްޓީއޯ އިން ހަމަޖައްސާ އޭޖެންޓުން ފިޔަވާ އިތުރު ބަޔަކަށް އެއްވެސް ރަށެއްގައި ކާޑުގެ ބާވަތެއް ނުވިއްކޭނެއެވެ.

މީގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންދާ ކާޑުގެ ބާވަތްތަކަށް ނާލުގެ ގޮތުގައި ވަކި ވަރެއް ވިޔަފާރިވެރިންނަށް ނެގެއެވެ. އެހެންކަމުން މާލެއާ ދުރު އަތޮޅުތަކުގެ ރަށްރަށުގައި ކާޑު ވިއްކާ އަގު މާލެއާ ކައިރި ސަރަހައްދަށް ބޮޑުވެއެވެ.