އިންތިހާބު ތެރޭގައި ވާދަވެރިކަމާ އެކު މޮޅާއި ބަލި ގަބޫލު ކުރަން ޖެހޭކަމަށް މިނިސްޓާ އޮފް ޓޫރިޒަމް، އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ވިދާޅުވީ، ރައްޔިތުން ވޯޓުލާ ކޮންމެ އިންތިހާބެއް ބޯމަތިވާ ދަނޑިވަޅުގައި އިންތިހާބު ފަސް ކުރުމަށް ކޯޓަށް ދިއުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި އެއީ އޭގެ ސަބަބުން އެތައް ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބި ކެމްޕޭން ސްޓެރެޓަޖީއަށް އަސްރުކުރާ ކަމެއް ކަން ވެސް އަލީ ވަހީދު ފާހަގަ ކުރެއްވެވިއެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ލަސްކުރުމަށް އިދިކޮޅު ޕީޕީއެމުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެބޭފުޅުންނަށް އިންތިހާބު ފަސް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން މިތިބީ ވަރަށް ސަމާލުވެގެން. އިރާދަ ކުރެއްވިއްޔާ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތް ހައެއް އެޕްރީލްގައި އިންތިހާބު ބޭއްވިގެން ދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފުވެސް ވަނީ ބައެއް ފަރާތްތަކުން އިންތިހާބު ފަސްކުރަން މަސައްކަތް ކުރާ ކަމުގެ ހަބަރުތަކެއް ލިބިވަޑައިގަންނަވަމުން ދާ ކަމަށް ވިދާޅުވެފައެވެ. ޝަރީފު ވިދާޅުވީ އީސީން އޮތީ އެކަމަށް ތައްޔާރު ވެގެން ކަމަށާއި އިންތިހާބު ފަސްކުރުމަށް އެދި މިހާތަނަށް ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހެޅިފައި ވާކަމުގެ މައުލޫމާތެއް އެއްވެސް ގޮތަކަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"6 އެޕްރީލްގައި ބޭއްވުމަށް ކަނޑައަޅާފައިިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ޖެހޭ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް. ސަބަބަކީ ގާނޫނުން އިންތިހާބު ލަސްކުރަންޖެހޭ ކަމެއް ނޯންނާނެ. ގާނޫނުގައި ވާގޮތަށް އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދީގެން، ކަންކަމުގައި ގާނޫނުން ކަނޑައަޅާފައިވާ ތާރީހު ތަކާއި، ގާނޫނުން ކަނޑައަޅާފައިވާ މުއަދަތާއި ވީހާވެސް ކައިރި ނުވެ މަސައްކަތް ކުރަމުން މިދަނީ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކެންޑިޑޭޓުންނަަށް ނުވަތަ ޕާޓީތަކަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭކަމަށް ބުނެ އިންތިހާބު ފަސްކުރަން މަސައްކަތް ކުރުމަކީ އީސީގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އީސީން ކެންޑިޑޭޓުންނާއި ޕާޓީތަކަށް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކެމްޕޭން ކުރުމުގެ ފުރުސަތު ދީފައި ވާނެ ކަމަށާއި، ކެމްޕޭން ނުކުރެވުމަކީ އެ ބައެއްގެ މައްސަލައެއް ކަމަށެވެ.