ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ފްރީޒް ކޮށްފައި ހުރި އެ ކައުންޓުގައިވާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މާތް ﷲ ނަހީ ކުރައްވާފައިވާ ކަންތައް ތައް ކުރެއްވުމަށް ދޫ ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެއެވެ.

އެޖެންޑާ 19 ގެ، ކެމްޕޭނު ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ނަޝީދު މިއަދު ވިދާޅުވީ، ޔާމީން ގެ އެކައުންޓުގައި ހުރި ފައިސާ އިން މީހުންނަށް ރިޝްވަތު ދޭން، އެ ފައިސާ ނުދެއްވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން މިއަދު ބާތިލު ކޮށްފައި ވާތީ އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، ޔާމީން ގެ އެކައުންޓުގައި ހުރި ފައިސާ އަކީ ކެމްޕޭނަށް ދީފައިވާ ފައިސާ ކަމަށް އެމަނިކުފާނު ވިދާޅު ވެފައި ވާކަމަށެވެ.

އެހެން ނަމަވެސް އެއީ ކެމްޕޭނަށް ދީފައި ހުރި ފައިސާ ނޫން ކަމަށާއި އެއީ ކަނޑައެޅިގެން ރައީސް ޔާމީން ވަގަށް ނަންގަވާފައިވާ ފައިސާ ކަމަށް ވެސް ނަޝީދު ވިދާޅު ވިއެވެ.

"ވިދާޅުވި އެއީ ކެމްޕޭނަށް ދީފައި ހުރި ފައިސާ އޭ. ކެމްޕޭން ނިމިއްޖެ. ފައިސާ ހަރަދެއް ނުކުރި. އަދި އަޅުގަނޑުމެނަށް އެބަ އެނގޭ ކެމްޕޭނަށް ދޭ ފައިސާ ވެސް ރިސިޓް އާ އެކީގަ ކަން އަންނަނީ. ކާކުތޯ ކެމްޕޭނަށް ފައިސާ ދިނީ؟ ނޫން. އެއީ ވަގަށް ނަގާފައި ހުރި ފައިސާ ކަނޑައެޅިގެން ވަގަށް ނަގާފަ ހުރި ފައިސާ. ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފައިސާ." ޔާމީން ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޔާމީން ގެ އެކައުންޓުގައި ހުރި ފައިސާ ހުންނާނީ ބޭންކު ގައި ކަމަށާއި، އެ ފައިސާ ދެން ވަންނާނީ، ދައުލަތުގެ ހަޒާނާ އަށް ކަމަށެވެ. އެ ނޫންތަނަކަށް އެ ފައިސާ ވަންނަން ނުޖެހޭނެ ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކުރިން، ކްރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓް ފްރީޒް ކުރަން އަމުރު ނެރެފައިވަނީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހުންނަށް ހުށަހެޅި ސިޓީއާއި، ޔާމީންގެ ބޭންކް ސްޓޭޓްމަންޓްއަށް ރިއާޔަތްކޮށެވެ. އެ ހުކުމް ބާތިލުކޮށް ހައިކޯޓުން ބުނީ ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ހޯދަން ވާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލިޔުމަކުން އެދިގެން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު އެ ގާނޫނުގެ ދަށުން ލިޔުމަކުން ދައުލަތުން އެދިފައި ނެތްކަން ޝަރީއަތަށް ހާމަވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.