ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ، ސަރުކާރުގެ އިދާރާތަކުން ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން، ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލް އެދުމުން އެކަމަށް ނެރުނު އަމުރަކުންނެވެ. މި އަމުރާއެކު ޔާމީންގެ އަމިއްލަފުޅު ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އެމަނިކުފާނުގެ އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ރައީސް ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގާފައިވެއެވެ. އަދި އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ތަހުގީގުގެ ބޭނުމަށް، ފްރީޒް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒު ކުރި މައްސަލައިގަ މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނު ވިދާޅުވީ ގޮތުގައި އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

ޔާމީންގެ އެކައުންޓްތައް ދޫކޮށްލުމަށް ކުރި ހުކުމްގައި ބުނެފައިވަނީ ދައުލަތުން އަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ އެއްގޮތަށް ނޫންކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. މީގެ އިތުރުން އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު މޮނިޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓް ފްރީޒް ކުރަން އަމުރު ނެރިފައިވަނީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް ހުށަހެޅި ސިޓީއާއި، ޔާމީންގެ ބޭންކް ސްޓޭޓްމަންޓްއަށް ރިއާޔަތްކޮށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ބުނީ ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ހޯދަން ވާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލިޔުމަކުން އެދިގެން ކަމަށް މާއްދާގައި ބުނާ ކަމަށެވެ. އެ މާއްދާގެ ދަށުން ވެސް ލިޔުމަކުން ދައުލަތުން އެދިފައި ނެތްކަން ހާމަވާ ކަމަށެވެ. ނަމަވެސް ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ 72 ވަނަ މާއްދާގެ (ބ) އަކީ 72 ވަނަ މާއްދާގެ (ހ) އަށް އޮތް އިސްތިސްނާއެއް ކަމަށެވެ. 72 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް ލިޔުމަކުން އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދުމަކަށް މި މާއްދާ ހުރަހެއް ނާޅާ ކަމަށެވެ.

ހައިކޯޓުން ޔާމީންގެ އެކައުންޓްތައް ދޫކުރުމަށް މިއަދު ހުކުމް ކުރި އިރު، ކްރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރި އަމުރު މި މަހުގެ 12 ވަނަ ދުވަހަށް ހަމަަވާނެއެވެ.