ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަމަށްް ބޮޑު ހިޔާނާތުން ހިޔާނާތްތެރިވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ހއ.ހޯރަފުށީގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ ސަރުކާރުން އެންމެ ބޮޑަށް ހިޔާނާތްތެރި ވެފައިވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވެފައި އޮތް ބޯހިޔާވަހިކަމުން ކަމަށެވެ. އެގޮތުން، ފްލެޓްތައް އަޅާ، ރައްޔިތުންގެ އަތުން، ރައްޔިތުންގެ ނަމުގައި ބޮޑު އަގުގައި އިންޓްރެސްޓް ދައްކައި ލޯން ނަގާގެން، ފްލެޓްތައް އެޅި ކަމަށާއި މި ފްލެޓްތައް ބަހާފައި ވަނީ އެ ސަރުކާރުން ބޭނުންވި މީހުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ފޯމުގައި ހަމަ އެކަނި ނަން ޖަހާލައިގެންވެސް ފްލެޓް ދީފައި ހުރި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ފްލެޓްތަކުގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި މަލޭގައްޔާއި އަތޮޅުތެރޭގައި ތިބި ބޯހިޔާވަހިކަމަށް ބޭނުން ވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އިސްކަންދީ، މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ދިނުމަށް ރައީސް ވަނީ ކޮމިޓީއެއް އުފައްދާފައެވެ. މީގެ ކުރިން ފްލެޓު ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީއިން އާންމު ކުރީ އެ މީހުންގެ ނަމާއި އެޑްރެސް ނުހިމަނާ ކަމަށް ވިޔަސް، އެ ކޮމެޓީއިން ވަނީ ފްލެޓު ލިބުނު މީހުންގެ ނަމާއެކު ލިސްޓު އާންމުކޮށްފައެވެ.
ރައީސް ސޯލިހް ވަނީ މި ސަރުކާރުން ވެރިކަމަށް އައިފަހުން މިވީ ކުޑަ ދުވަސް ކޮޅު ކުރެވުނު ބައެއް ކަންތައްތައް ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައި ތައުލީމީ ނިޒާމަށްގެނެވުނު ކުރިއެރުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމަށް ގެނެވުނު ކުރިއެރުން ހިމެނެއެވެ. މީގެ އިތުރުން ހިޔާލުފާޅު ކުރުމާއި މިނިވަންކަމަށް ގެނެވުނު ބަދަލުތައް ރައީސް ފާހަގަ ކުރެއްވިއެވެ.
މީހުންގެ ވާހަކަ ނުދައްކާ ތިމާ ކުރާނެ ކަންތަކުގެ ވާހަކަ ދައްކަބަލަ