އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޯޅި ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހުމަދު ހައިތަމްގެ ކެމްޕޭން ޖަގަހައަށް ވަދެ މިފަހަރު ދިނީ މަރުގެ އިންޒާރުކަމަށް އެނާގެ ކެމްޕޭން ޓީމުން ބުންޏެވެ.
ހައިތަމްގެ ކެމްޕޭން ޓީމުން ބުނީ މައްޗަންގޯޅި ސަހަރާ ކުރިމަތީ ހުންނަ މި ޖަގަހައަށް ވަނދެ އިންޒާރު ދީފައިވަނީ މަސްތުގެ ހާލަތުގައި ހުރި މީހެއްކަމަށެވެ. ރޭ 9:30 ހާއިރު މިހާދިސާ ހިނގާފައިވާއިރު ޖަގަހައިގެ ތެރޭގައި 15 ވަރަކަށް އަންހެނުން ތިބިކަމަށް ވެސް އެ ޓީމުން ބުނެއެވެ.
ރޭ ޖަގަހައަށް ވަދެ މަރުގެ އިންޒާރު ދިނުމުގެ ކުރިން މި މީހާ ވަނީ ހައިތަމަށް ފޯނުން ގުޅާ އިންޒާރު ދީފައިކަމަށް ކެމްޕޭން ޓީމުން ބުނެއެވެ. އެ ޓީމުން ބުނީ، މިމަހު 23 ވަނަ ދުވަހު، ހައިތަމްގެ ކެމްޕޭން ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލުމާއި، ހަމަ އެ ހަފްތާގެ ބުރާސްފަތި ދުވަހު މާފަންނު އިހްސާން ފިހާރަ ކައިރިން ހަތް ސައިކަލު އަންދާލުން، މިއީ ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށެވެ. އެ ޓީމުން ބުނާ ގޮތުގައި އިހްސާން ފިހާރަ ކައިރިން ހަތް ސައިކަލު އަނދައިގެން ދިޔައީ، އެ ކެމްޕޭން ޓީމުގެ އިސްކޮށް އުޅޭ ފަރާތެއްގެ ސައިކަލު އަންދާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.
މިރޭ ހިނގާދިޔަ ހާދިސާއާ ގުޅިގެން މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ކެމްޕޭން ޓީމުން ބުނެއެވެ. މި ފަދަ ހާދިސާތަކާއި ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖަގަހަތައް ހަލާކު ކޮށް، އެކަން ކުރަނީ ކޮންބައެއްކަން އެނގުނަސް ސަޕޯޓަރުން ރައްދު ނުދިމަށް އެދިވަޑައިގެންފައެވެ. ނަޝީދު މިހެން ވިދާޅުވީ މިމަހު އަށްވަނަ ދުވަހު އެމްޑީޕީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރާ މީކާއިލް އަހްމަދު ނަސީމުގެ ޖަގަހައަށް ވެސް ގެއްލުން ދީ، މަރުގެ އިންޒާރު ދީފައިވާތީއެވެ. އެގޮތުން މީކާއިލްގެ ޓީމުން ހަރުކޮށްފައި ހުރި ބިލްބޯޑުތަކާއި ބެނާތައް ހަލާކުކޮށް ޖަގަހައިގެ ބިއްލޫރިގަނޑުވެސް ތަޅާލާފައިވެއެވެ.
ރައްޔިތުންގެ މަޖިލީސް 2019 ގެ އިންތިހާބާބެހޭ ގަވާއިދުގެ 21 ވަނަ މާއްދާގައިވާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑުގައި ވަނީ ޖަގަހަފަދަ ތަންތަނުގެ އިންތިޒާމު ނަގައިލުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކުރާނަމަ، އެ ފަރާތަކާމެދު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަން ހައްލުކުރަން މަސައްކަތްކުރަންވާނީ ކަމާބެހޭ ފަރާތެއް މެދުވެރިކޮށްކަމަށެވެ.