ކުރީގެ ރައީސް އަބްދު ﷲ ޔާމީން ޖަރީމާތަކެއް ހިންގަވާފައި ވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެނގި ވަޑައިގަންނަވާނަމަ އެކަމުގެ މައުލޫމާތު އަވަހަށް، ފުލުހުންނަށް ދެއްވުމަށް، ޕީޕީއެމް ގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން އެދިވަޑައިގެންފިއެވެ.

ނިހާން މިހެން ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ، ނޫސްވެރިންނާ އެތައް ބައެއް ގެއްލުވާލި ކަމުގެ ތުހުމަތު ރައީސް ޔާމީނަށް، މިއަދު ރައީސް ނަޝިދު ކުރައްވާފައި ވާތީ އެކަމާ ގުޅިގެންނެވެ.

ނިހާން ވިދާޅުވީ އެ ޖަރީމާތައް ހިންގި ކަން ތަހުގީގަށް ސާބިތުވެގެން، ބައެއް މީހުންގެ މައްޗަށް، އަދަބު ތަންފީޒު ކުރެވެމުން އެބަ ދާކަމަށެވެ. އެއީ ގޯސް މައުލޫމާތެއްގެ މައްޗަށް ނިންމިފައިވާ ޝަރީޢަތެއް ނަމަ، ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން ރައީސް ނަޝީދުގެ މައްޗަށް ލާޒިމު ވާނެ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ތަހުގީގަށް ދެއްވަންވީ ބަޔާން ނުދެއްވާ މަޑުކުރައްވައިގެން ކަމަކު ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ.އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައާ ބެހޭ ގޮތުން، ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތައް ދިމާ ނުވާ ކަން ފާހަގަ ކުރައްވާ ނިހާން ވިދާޅުވީ، އެއީ ބޭރު ބަޔަކު އައިސް ގެން ކުރި ކަމެއް ކަމަށާ، އެކަން ކުރި ބަޔަކު އެނގިވަޑައިގަންނަވާ ކަމަށް، އެކި ފަހަރު މަތިން ނަޝީދު ވިދާޅު ވެފައި ވާކަމަށެވެ.

"މަރުހޫމް ޑރ. އަފްރާޝީމް އަލީ ގެ މަރާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކާފަ އެބަ ހުއްޓޭ ވަރަށް ތަފާތު ވާހަކަ. އެއްބައި ފަހަރަށް ވިދާޅުވާނެ ބޭރުން ބަޔަކު އައިސް ގެންނޭ، އެބަޔަކު ތިމަންނަ އަށް އެނގޭ. ދެން އެކަހަލަ މައުލޫމާތު ހުރިއްޔާ ދެން އަވަހަށް ގޮސް ދެއްވާ ޖިނާއީ ކޯޓަށް ތަހުގީގަށް. އެއީ ކޮންމެ ވެސް ހިސާބަކުން ތަހުގީގު ކުރެވި ނިމިގެން އެމީހުންނަށް އަދަބު ދެވި ޖަލުތަކުގަ އެބަ ތިބި، އެހެންވީމަ އެކަންތައް އެއީ ގޯސް މައުލޫމާތެއް ކަމަށް ވާނަމަ މުހައްމަދު ނަޝީދު މައްޗަށް އެބަ ލާޒިމު ކުރޭ" ނިހާން ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ ރައީސް ނަޝީދަކީ އަބަދުވެސް، އެކި މީސްމީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރައްވާ ބޮޑެތި ބަދުނާމުތައް އަޅުއްވަމުން ގެންދަވާ ފަރާތެއް ކަމަށެވެ. އަދި ރައީސް ނަޝީދު އިއްޔެ ވިދާޅުވާ އެއްޗެއް މިއަދު ވިދާޅުވާނީ އެހެން ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.