ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން އުޅުނީ ސުނާމީ ސިއްރުކުރަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތ.މަޑިފުށި ދާއިރާއަށް އެމްޑީޕީ ޓީކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ހަސަން އަފީފުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސުނާމީއެރުމުން ސަރުކާރާއި ދެކޮޅަށް އެ ހަބަރު ރާއްޖޭން ބޭރަށް ފޮނުވީ އަފީފްކަމަށެވެ.

ނަޝީދު ވިދާޅުވީ، އޭރު ކަންކަން ސިއްރުކުރުމަކީ ސަރުކާރުގެ އާންމު ސިޔާސަތެއްކަމަށާއި އެފަދަ ބޮޑުކަމެއް ވެދިޔައިމަ، ރާއްޖޭގެ ރައްޔިތުންގެ ހާލަތާއި ރައްޔިތުންނަށް ޖެހިފައި ތިބިގޮތް މުޅި ރާއްޖެއާއި މުޅި ދުނިޔެއަށް އެންގުމުގެ ބަދަލުގައި މުޅި އެ މައްސަލަ ސިއްރުކުރަން އޭރުގެ ސަރުކާރުން އުޅުނުކަމަށެވެ.

މީގެ އިތުރުން މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން މާ ތަނަވަސް އަގުލަބިއްޔަތެއް ހޯދާ އެޖެންޑާ 19 ތަންފީޒު ކުރާނެ ކަމަށެވެ. އަދި އެކި އެކި ރަށްތައް ހާއްސަވަނީ އެކި އެކި މަސައްކަތަށް ކަމާއި އެއްރަށަށް ދިމާވާ ކަންތައްތަކާއި ލިބެން ޖެހޭ ހިދުމަތްތަކާއި ދޭން ޖެހޭ ހުއްދަތައް އަނެއް ރަށާއި ތަފާތު ވެދާނެކަމަށެވެ. މީގެ އިތުރުން އެޖެންޑާ 19 ރަށްރަށުގެ އިހުތިސޯސްގައިވާ ހުރިހާ އެއްޗެއް ރަށުގެ ރައްޔިތުންނަށް މިލްކު ކޮށްދޭކަމާއި، އަތޮޅުގެ ދުނީގެ ތެރޭގައިވާ ހުރިހާ ރަށެއް، އަތޮޅު ކައުންސިލަށް މިލްކު ކޮށްދޭކަމަށް ނަޝީދު ވިދާޅުވިއެވެ