ދިވެހި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މުހިންމު ހިދުމަތްތަކުގެ ސިޔާސަތުތަކުގެ ދަށުން އަތޮޅުތެރޭގެ ރައްޔިތުންނަށް ހަމަހަމަކަމާއި ގާތް ކަމާއި އެކު ހިދުމަތްދޭނެ ނިޒާމެއް ގާއިމް ކުރެވޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަހްމަދު ވިދާޅުވެއްޖެއެވެ.

ރޭ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭނެއް އިފްތިތާހުވެގެން ދާއިރު، ދިވެހި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މުހިންމު ހިދުމަތްތަކުގެ ސިޔާސަތުތައް ހިމެނިގެންދާނެކަމަށެވެ.

އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރުގެ މުހިންމު އުއްމީދެއްކަމަށެވެ. އަދި އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ ފޮނި އުއްމީދުތަކަކީ އެކަމަށް ޝުކުރުކުރާ ކަމެއްކަމަށެވެ. މީގެ އިތުރުން، ފުލުހުން އިތުރަށް ތަމްރީނުކޮށް، ބިނާކޮށް، ފުލުހުންގެ ވަސީލަތްތައް ހަރުދަނާކުރުމަށްޓަކައި ރައީސް، ކަނޑައަޅުއްވާފައިވާ އުސޫލުތަކަކީ އެކަމުގެ މަތީގައި ސާބިތުވެ ތިބޭނެ ކަމެއްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަފުޅުގައި އޭނާވަނީ ފުލުހުންގެ ވާޖިބުތަކަށް އަލިއަޅުއްވާލާފައެވެ. އެގޮތުން ގާނޫނާއި ހިލާފަށް ބޮޑެތި ކުށްތައް ކޮށް، މުޖުތަމައުގައި ޖަރީމާތައް ހިންގާ، ރައްޔިތުންނަށް ގެއްލުން ދެނިވި ކަންތައްތަކަށް އަރައިގަންނަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ފުލުހުންގެ ވާޖިބެއްކަމަށެވެ. އަދި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ރައްޔިތުންގެ ހަށިގަނޑާއި ފުރާނައަށް ގެއްލުންދޭ ކޮންމެ ފަރާތެއް ހުއްޓުވުމަކީވެސް ފުލުހުންގެ ވާޖިބެއްކަމަށް އިމްރާން ވިދާޅުވިއެވެ.

"މި ބުރަ މަސައްކަތް ކުރެވޭނީ ވަރަށް ހިތްވަރުގަދަ، ހީވާގި، މުރާލި ބަޔަކަށް"، ފުލުހުން ކުރާ މަސައްކަތުގެ މުހިންމުކަން ސިފަކޮށްދެމުން އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ، ދިވެހި ގައުމަށް، ރައްޔިތުންނަށް އިހްލާސްތެރި ވުމަކީ ފުލުހުންގެ މަސައްކަތުގެ މައިބަދަކަމަށާއި އަދުލުވެރިކަމާއި އިންސާފް ގާއިމްކުރުމަކީ މި މަސައްކަތުގެ މައިނާރުކަމަށެވެ.

އަދި ފުލުހުންނަކީ ރައްޔިތުންގެ ލޯއްބާއި އިހްތިރާމާއި އެކު މަސައްކަތް ކުރެވޭ ބަޔަކަށް ހަދަން ޖެހޭކަމަށާއި ފުލުހުން އަތް ދިއްކޮށްލާ ކޮންމެ ވަގުތަކު ފުލުހުންނަށް އެހީތެރިކަމުގެ އަތް ދިއްކޮށްލަން ޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.